އެމްޓީސީސީ

266 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު އެމްޓީސީސީއަށް

ހަތަރު ރަށެއްގައި 266 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 266.1 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ރ. މީދޫ އެތެރޭގެ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 48.4 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް ނިންމަން ދީފައިވަނީ 450 ދުވަހެވެ.

ޅ. ހިންނަވަރުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް 270 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް ހަވާލުކުރީ 26.3 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި އަނެއް ދެ މަޝްރޫއަކީ ދެ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫ އެވެ. މީގެތެރޭގައި ހިމެނެނީ ފ. ބިލަތްދޫ ބިން ހިއްކުން 500 ދުވަސް ތެރޭގައި ނިންމުމާއި، ނ. މާފަރު ބިން ހިއްކުން 300 ދުވަސް ތެރޭގައި ނިންމުމެވެ.

ބިލަތްދޫ ބިން ހިއްކުން 99.99 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު މާފަރު ބިން ހިއްކުން ހަވާލުކުރީ 91.5 މިލިއަން ރުފިޔާ އަށެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކުރާތީ އެއީ އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުން އަބަދުވެސް ޝަކުވާ ކުރެ އެވެ.