މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ) އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމު ވިދާޅުވީ މި މަޝްރޫއަކީ ފަހުގެ ތާރިހެއްގައި ބޭރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީން މަސައްކަތް ކުރާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

"މި މަސައްކަތަކީ ބޭރުގެ ބޮޑު ތިން ކުންފުންޏަކާ ވާދަކޮށް އެމްޓީސީސީ އިން ކާމިޔާބު ކުރި ޕޮރޮޖެކްޓެއް. އެހެންކަމުން އެމްޓީސީސީގެ މުވައްޒަފުންނަށް މަރުހަބާ ކިއަން" އާޒިމް ވިދާޅުވި އެވެ.

މި މަޝްރޫއުގެ މައިގަނޑު މަސައްކަތެއް ގޮތުގައި ކުރަން ނިންމާފައިވަނީ މުޅި ރަންވޭ އެއްކޮށް ރީސާފޭސް ކުރުމުގެ މަސައްކަތެވެ. އެގޮތުން 2.2 ކިލޯމީޓަރަށް މިހާރު ހަދާފައިވާ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑު ކުރާނެ އެވެ.

އާޒިމު ވިދާޅުވީ މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދުން ފެށިގެން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ ތިމާވެއްޓާ ގުޅޭ އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭނަމަ އެއް އަހަރު ދުވަހުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

"އީއިއޭގެ އިތުރު މަސައްކަތެއް ކުރަން ޖެހިއްޖެ ކަމުގައިވާނަމަ އީއިއޭ ނިމޭ ތާރީހުން ފެށިގެން އެއް އަހަރު ތެރޭގައި މަސައްކަތް ނިމޭނެ،" އާޒިމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދައި ހުޅުވި އެމްއައިއޭ އަކީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާ އެކުގަ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށީ ޑިސެމްބަރު 1، 2019 ގައެވެ.