މާފަރު އިންޓާނޭޝަނަލް އެއާޕޯޓު (އެމްއައިއޭ)ގައި ތަރައްގީ ކުރަމުން އަންނަ ފިއުލް ފާމް ޓެސްޓު ކުރުމުގެ ގޮތުން ޖެޓުތަކަށް ތެޔޮ އަޅައިދޭން ފަށައިފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މާފަރު އެއާޕޯޓު އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ ފިއުލް ފާމްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި މި އަންނަ މަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވުމުގެ ގޮތުން ފިއުލްފާމް ޓެސްޓު ކުރަން ވެގެން ޖެޓުތަކަށް ތެޔޮ އަޅައިދެނީ. ލަފާކުރެވެނީ އަންނަ މަހުގެ ތެރޭގަ އޮފިޝަލީ ހިދުމަތް ދެވެން ފެށޭނެ ކަމަށް،" މުޝްއިލް ވިދާޅުވި އެވެ.
ޓެސްޓު ކުރުމުގެ ގޮތުން މިވަގުތު ޖެޓުތަކަށް ތެޔޮ އަޅަނީ ދެ ތެޔޮ ބައުޒަރު ބޭނުންކޮށްގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދައި ހުޅުވި އެމްއައިއޭ އަކީ އަބޫ ދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މިއީ އަބޫ ދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ.
މި އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ހަވާލުކުރެވިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށީ ޑިސެމްބަރު 1، 2019 ގައެވެ.