މޯލްޑިވިއަން

ދިއްލީއަށް ހިލޭ ދެވޭ ހާއްސަ ގިވްއަވޭއެއް

އިންޑިއާގެ ދިއްލީއަށް ހިލޭ ދެވޭ ހާއްސަ ގިވްއަވޭއެއް މޯލްޑިވިއަންއިން ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މި ގިވް އަވޭ އަކީ ނ. މާފަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ސީދާ ދަތުރުތައް ފަށަން ތަރައްޔާރު ވެފައިވާތީ ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އެގޮތުން އިންސްޓަގްރާމްގައި ކުރިއަށް ގެންދާ ގިވްއަވޭއިން މޮޅުވާ މީހަކަށް ދިއްލީއަށް ދިއުމަށް ދެކޮޅު ޓިކެޓު ލިބޭނެ އެވެ. އަދި ތިން ރޭ ހިލޭ ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މޯލްޑިވިއަންގެ ގިވްއަވޭއަށް ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެ އެވެ. އަދި އޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހު ހަމަވާނެ އެވެ. މޮޅުވާ ފަރާތެއް އިއުލާނު ކުރާނީ 18 ވަނަ ދުވަހު އިންސްޓަގްރާމްގަ އެވެ.

މޯލްޑިވިއަން އިން ދިއްލީއަށް މި ދަތުރުތައް ފަށަން ހަމަޖައްސާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެނެވެ. ހަފުތާއަކު ތިން ދުވަހު މި ދަތުރު ކުރަން ވަނީ ނިންމާފަ އެވެ. މާފަރުން ދަތުރުތައް ކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

މޯލްޑިވިއަންގެ މި ދަތުރުތަކަކީ ކޮވިޑަށް ފަހު ގައުމީ އެއާލައިނުން ފަށާ ފުރަތަމަ ބައިނަލްއަގްވާމީ ދަތުރުތަކެވެ. މާފަރުން ނިއުދިއްލީ އަށް ދެކޮޅު ވިއްކުމަށް ހަމަޖައްސާފައި ވަނީ 285 އެމެރިކާ ޑޮލަރަށެވެ. ނިއުދިއްލީން މާފަރަށް ދެކޮޅު ޓިކެޓް ވިއްކަން ހަމަޖައްސާފައި ވަނީ 312 ޑޮލަރަށެވެ.