ރާއްޖޭގެ ކަނޑުގެ ސަރަހައްދާ އެކު ރާއްޖެ އަކީ ކުޑަ ގައުމެއް ނޫން ކަމަށާއި ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ދެކޭ މީހުން އެ ވިސްނުން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ސިފައިންގެ އެއާ ކޯ އިފްތިތާހުކޮށް ޔޫއޭވީ ތައާރަފްކުރުމަށް މިރޭ މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަޙައްދާއެކު ބޮޑު ގައުމެއް ކަމަށާ ރާއްޖޭގެ ސަރަހައްދު ދެން ބަލަހައްޓާނީ ދިވެހިން އަމިއްލަ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ނުވަ ލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އިގްތިސާދީ ހާއްސަ ސަރަހައްދެއް ހިމެނޭ ބޮޑު ގައުމެއް ކަމަށާއި އަދި އެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މިހާރު ހުރި ގައުމެއް ކަމަށެވެ.
ރާއްޖެއަކީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމެއް ކަމަށާއި ދިވެހިން އަމިއްލަ އަށް ރާއްޖޭގެ އިންފާރު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރާއްޖެއަކީ ހުރިހާ ގައުމަކާވެސް ގާތްގުޅުން ބާއްވާނެ ގައުމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގުޅިފައިވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ ކަމަށެވެ. އެ ކުރިއެރުން ކަށަވަރުކުރުމަށް ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވެ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދީ ބޮޑު ސަރަހައްދުން ރާއްޖޭގެ ކުރިއެރުމަށް ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި. އެހެންކަމުން އެ ސަރަހައްދު ބަލަހައްޓަން ޖެހޭނީ އަމިއްލައަށް. އަމިއްލައަށް އަމިއްލަ ސަރަހައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ. .
ރައީސް އިތުރަށް ވިދާޅުވީ ގައުމު ދިފާއުކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް ކަމަށެވެ. މިނިވަންކަމާ ގައުމުގެ ސިޔާދަތީ ކަންކަމުގައި ހުރިހާ ދިވެހީންގެ ފިކުރާ ދައްކާ ވާހަކަ ގައުމުގެ ހައްގުގައި އެއްގޮތްވާން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ