މަސްވެރިން

މަސްވެރިންނާއި ދަތުރުވެރިންނަށް "ރަސްއައިން" އެޕްލިކޭޝަން ލޯންޗްކޮށްފި

މަސްވެރިންނާއި ކަނޑު ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ "ރަސްއައިން" މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި އެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިރޭ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ސަރުކާރުން މިރޭ ހާމަކުރި މައުލޫމާތަށް ބަލާއިރު ރަސްއައިން އެޕްލިކޭޝަން ވެގެންދާނީ މަސްވެރިންނާއި ކަނޑުދަތުރު ކުރާ އުޅަނދުފަރަށާއި ކަނޑުން ނަފާ ހޯދަމުންދާ އެކިއެކި ސިނާއީ މަސައްކަތްތައް ކުރާ މީހުންނަށް ޓެކްނޮލޮޖީގެ ގޮތުން ބޭނުން ހިފޭނެ އެޕްލިކޭޝަނަކަށެވެ.

މަސްވެރިންނާއި ކަނޑުދަތުރު ކުރާ މީހުންނަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއްވެސް ހިމެނޭ މި އެޕްލިކޭޝަނާ އެކު މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް އިން ނެރޭ މޫސުމީ އިންޒާރުތައްވެސް ހިމެނެ އެވެ.

މި އެޕްލިކޭޝަންގެ ތެރެއިން ރާއްޖޭގެ ޑައިވް ޕޮއިންޓްތަކުގެ މައުލޫމާތާއި މުދާ އުފުލުމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ފަސޭހަވާނެ މައުލޫމާތުތަކެއްވެސް ލިބެ އެވެ.

މަސްކަނދުފަތިތައް ހިމެނޭ ސަރަހައްދުތަކާއި މަސް އައިންތަކުގެ މައުލޫމާތާއި ދިޔަވަރާއި އޮއިވަރުގެ މައުލޫމާތުވެސް މި އެޕްލިކޭޝަނުން ލިބޭތީވެ މަސްއައިން ހޯދުމަށް ކުރާ ދަތުރުގެ ހަރަދާއި ވަގުތު ސަލާމަތްކުރެވެ އެވެ.

މި އެޕްލިކޭޝަންގެ ތިންވަނަ ޓެބް ހާއްސަކޮށްފައިވަނީ މުއާސަލާތީ ހަބެއްގެ ގޮތުގައެެވެ. މިކަމުގެ ސަބަބުން އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތުގައި ފޮނުވާ ޑިސްޓްރޭސް ކޯސްޓްގާޑުގެ ޕުޝް މެސެޖުތައްވެސް ފެނެ އެވެ.

މި އެޕްލިކޭޝަނާ އެކު ދިެވހި މަސްކަނޑުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ސިފައިންނާއި މަސްވެރިން ގުޅިގެންގެން ކުރާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބި ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.