ނ. މާފަރު ފަޅުތެރޭގައި އެރަށު ކައުންސިލްގެ އިހްތިސާސް ނުހިނގާ ގޮތަށް އޮތް ބައި އަނބުރާ ކައުންސިލްގެ ދަށަށް ގެނެސް މާފަރު ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ނ. މާފަރަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ މިސަރުކާރުން އެރަށު ފަޅުތެރެއިން ބައެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް ކައުންސިލްގެ ބާރު ނުހިނގާ ގޮތަށް ހަމަޖައްސާފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމަކަށްވާތީ އޭނާގެ ވެރިކަމެއްގައި އެތަން ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެެވެ.
މުއިއްޒު ވިދާޅުވީ އެކަންކޮށްދެއްވާނީ އިންތިހާބު ކައިރިވުމުން ނޫން ކަމަށާއި އޭގެ ބަދަލުގައި އޭނާގެ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި އެކަން އެގޮތަށް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
މާފަރަކީ ތަރައްގީ ކުރެވެން އޮތް ރަށެއް ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ ރަށު ފަޅުތެރޭގައި ރިސޯޓެއް ހައްދަވައިދެއްވާނެ ކަމަށެވެ.
"މިސަރުކާރުން މިރަށުގެ ފަޅުތެރެއިން އިހްތިސާސުން ވަކިކޮށްފައިވާ ބައި އެއީ ތިބޭފުޅުންނަން ލިބިލައްވާނެ ބައެއް ކަމަށް އަޅުގަޑު ގަބޫލުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
މާފަރުގައި ހުރި ބައެއް މައްސަލަތަކާއި މާފަރަށް ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ސިއްހީ ސިޔާސަތު އޮތީ ފެއިލްވެފައި ކަމަށެވެ. އެކަން ރާއްޖޭގެ ކޮންމެ ހިސާބަކަށް ބަލާލި ނަމަވެސް ފެންނަން އެބައޮތް ކަމުގައި ވިދާޅުވި އެވެ.
އޭނާގެ ވެރިކަމެއްގައި މާފަރު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް، ތާރުއަޅައިގެން މަގުތައް ހެދުމަށާއި، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމުގެ ފުރުސަތުތައް މާފަރާ ކައިރީގައި އިތުރުކުރާނެ ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.