ބޮޑުފޮޅުދޫ

އުކުޅަސް ބިން ހިއްކައިފި، ބޮޑުފޮޅުދޫ ބިން ހިއްކުން ކުރިއަށް

އއ. އުކުޅަހުގެ ބިން ހިއްކާ ނިންމުމަށްފަހު އއ. ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

މި ދެ މަޝްރޫއުވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.

ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއު އިއްޔެ ފަށާފައިވާއިރު 12 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ހިއްކާ ސަރަހައްދު ހިމެނޭ ގޮތަށް 180 ހެކްޓަރުގެ ސަރަހައްދެއްގައި ހިމާޔަތްކުރުމުގެ ގޮތުން ތޮށިލާނެ އެވެ.

ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮތް ބޮޑުފޮޅުދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 74 މިލިއަން ރުފިޔާ އަށެވެ.

ބޮޑުފޮޅުދޫގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 8.7 ހެކްޓަރެވެ. އަލަށް ހިއްކާ ބިން ރަށުގެ މިހާރުގެ ބޮޑުމިނަށް ވުރެ ބޮޑުވާނެތީވެ، ރަށުން މިވަގުތު ގޯތި ބޭނުންވެފައިވާ ގިނަ ބަޔަކަށް ގޯތި ދީ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ގާތްގަނޑަކަށް ހައްލުކުރެވޭނެ ކަމަށް ބޮޑުފޮޅުދޫ ކައުންސިލުން ބުނެ އެވެ.

ދައުލަތުގެ ބަޖެޓުން 67.21 މިލިއަން ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވާ އުކުޅަހުގެ ބިން ހިއްކުން ފެށީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. މިމަޝްރޫއު އިއްޔެ ނިންމާލާފައިވާއިރު 13 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އާބާދީގައި 1،200 މީހުން ދިރިއުޅޭ 21 ހެކްޓަރުގެ އުކުޅަހުގެ ރައްޔިތުންނަށްވެސް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެެވެ.

އުކުޅަހު ކައުންސިލުން ބުނީ ރަށަށް އަލަށް އިތުރުކުރެވުނު ބިމާ ގުޅިގެން ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މިވަގުތަށް ބޮޑު ހައްލެއް ލބިގެންދާނެ ކަމަށެވެ.