އއ. އުކުޅަސް

އުކުޅަހު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އއ. އުކުޅަސް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތަކާ ހަވާލުވެފައިވާ އެމްޓީސީސީ އަށެވެ.

އުކުޅަސް ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އިން ބެލްޖިއަމްގެ ކުންފުންފުންޏަކުން ރާއްޖެއަށް ކުއްޔަށް ގެނެސްފައިވާ ޑްރެޖަރު -- "ފިލީޕޯ ބްރޫނެލޭޝީ" ބޭނުންކޮށްގެންނެވެ.

މި ޑްރެޖަރު ބޭނުންކޮށްގެން މިހާތަނަށް ވަނީ ހއ. އިހަވަންދޫ، ށ. މަތިކޮމަންޑޫގެ ބިން ހިއްކާ ނިންމާފަ އެވެ.

އެމްޓީސީސީގެ އަމިއްލަ ޑްރެޖަރު -- މަހާޖައްރާފާ އިން ގާތްގަނޑަކަށް ހަތަރު ދުވަހުން ހިއްކާލާ ވަރުގެ ސަރަހައްދެއް ކުއްޔަށް ގެނެސްގެން އުޅޭ ޑްރެޖަރުން އެއް ދުވަހުން ހިއްކާލަ އެވެ. މިއީ ދުވާލެއްގެ މައްޗަށް ހެކްޓަރެއްގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

އުކުޅަސް ބިން ހިއްކުމުގެ މަސައްކަތާ އެކު އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އެ ކުންފުނިން މިއަދު ބުނީ އުކުޅަހު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 13 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 1,692 މީޓަރުގެ ސަރަހައްދެއްގައި ސޭންޑް ބަންޑެއް ހެދުން ހިމެނޭ ކަމަށެވެ. އަދި 1,054 މީޓަރުގެ ރިވެޓްމަންޓަކާއި، 80 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ. މިއީ 67.21 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.