އެމްޓީސީސީ

މިއަހަރުގެ ތަރައްގީގެ މަޝްރޫއުތަކަށް އެމްޓީސީސީ އިން 4.9 ބިލިއަން ރުފިޔާ ހަރަދުކުރާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަހަރު ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 4.96 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

އެމްޓީސީސީ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައި ވަނީ އެކި ދާއިރާތަކުން މިއަހަރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ކަނޑައަޅާފައިވާ ގޮތުގެ ތަފުސީލު ހާމަކޮށްފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް މިއަހަރު ކަނޑައަޅާފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ. ބިން ހިއްކުމުގެ މަޝްރޫއުތަކަށް 1.46 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް 921.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބްރިޖު މަޝްރޫއުތަކަށް 819.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އާ ބަނދަރުތަކުގެ މަޝްރޫއުގެ އަދަދު ދަށްވި ނަމަވެސް ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުތައް މިއަހަރު ގިނަވާނެ ކަމަށް އެމްޓީސީސީ އިން ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން އެއާޕޯޓާއި މަގުތަކާއި ހޮސްޕިޓަލުގެ އިތުރުން ސްކޫލުތަކުގެ މަޝްރޫއު އިތުރުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

އެމްޓީސީސީ އިން ބުނީ މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުނިން ކުރަމުންދިޔަ 93 މަޝްރޫއު މިއަހަރު ނިމޭނެ ކަމަށެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ 8.5 ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.