ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ހުޅުވާލައިފި އެވެ.
ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްގެންދިޔަ އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވަނީ ރާއްޖޭގައި 15 އެއާޕޯޓް އަޅަން ނިންމާފައިވާކަން ހާމަކޮށް އެ މަޝްރޫއުތަކަށް ހުޅުވާލާފަ އެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށްވެސް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން ހުޅުވާލާފަ އެވެ.
އިތުރު އެއާޕޯޓްތަކެއް އަޅަން އިންވެސްޓްމަންޓް ފޯރަމްގައި ހުޅުވާލާފައިވާއިރު ބައެއް ރަށްރަށުގައި އެއާޕޯޓް އަޅުއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެޑައިގެންފަ އެވެ.
މީގެ އިތުރުން އިންވެސްޓްމަންޓް ފޯރަމްގައި ވަނީ ރާއްޖޭގެ ބައެއް ބިޔަ މަޝްރޫއުތަކަށްވެސް ހުޅުވާލާފަ އެވެ.
އޭގެ ތެރޭގައި ފުށިދިއްގަރު ފަޅު -- ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާއި މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާއި އިހަވަންދިއްޕޮޅު އިންޓަގްރޭޓެޑް މަޝްރޫއު ހިމެނެ އެވެ.