ކޮމަންޑޫ

މަތިކޮމަންޑޫގެ ބިން ހިއްކާ ނިންމާލައިފި

ށ. މަތިކޮމަންޑޫގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދިޔަ އެމްޓީސީސީ އިން ބުނެފި އެވެ.

މަތިކޮމަންޑޫގެ ބިން ހިއްކާ ނިމިފައިވާކަން ހާމަކޮށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އުކުޅަސް ބިން ހިއްކުމުގެ މަޝްރޫއު މިއަދު ފަށާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ފަށާ ނިންމަމުންދާތީ މިއީ އިންތިހާބުތަކަށް ކަޑަ ޖަހާ ސަރުކާރެއް ނޫންކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އިންތިހާބަށް ކަޑަ ޖަހާ ސަރުކާރެއް ނޫންކަން އެންމެ ރައްޔިތުން ގަބޫލު ކުރަނީ މިގޮތަށް ޕްރޮޖެކްޓްތައް އިތުބާރާއެކު ފަށަމުން ނިންމަމުންދާތީ،" އާޒިމް ވިދާޅުވި އެވެ.

މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. މަތިކޮމަންޑޫ އިން 16.7 ހެކްޓަރުގެ ބިން ވަހީ ހިއްކާފަ އެވެ.

މަތިކޮމަންޑޫ ބިން ހިއްކުމަށްފަހު 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގެ ހިއްކި ސަރަހައްދު ގުޅާލުމަށް ވަނީ ނިންމާފަ އެވެ.