އާދަމް އާޒިމް

މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫއު އަންނަ މަހު ނިމޭނެ: އާޒިމު

މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫއު އަންނަ މަހު ނިންމާލެވޭނެ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގެ މަޝްރޫއުތައް ހިނގާ ގޮތް ބައްލަވާލައްވާ އާޒިމު ވިދާޅުވީ އޮގަސްޓް މަސް ނިމޭއިރު މަތިކޮމަންޑޫ ހިއްކުމުގެ މަސައްކަތް ނިންމުމަށް ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.

"ވަރަށް ގިނަ މީހުން ބުނޭ ނުހިއްކާނޭ މަތިކޮމަންޑޫ. އެކަމަކު އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ ޖުލައި ފަހުކޮޅު ހިއްކަން ފަށާ، އޯގަސްޓް މަސް ނިމޭއިރު ހިއްކާ ނިމިފައޭ އޮންނާނީ އިރާދަކުރެއްވިއްޔާ" އާޒިމް ވިދާޅުވި އެވެ.

ށ. ކޮމަންޑޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫގެ ބިން ހިއްކައިގެން ދެ ރަށް ގުޅާލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ޖެނުއަރީ 12، 2022ގަ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމަން 249.9 މިލިއަން ރުފިޔާ އަށެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތައް

  • ށ. ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކިޝަން މަސައްކަތް ކުރުން
  • 16.7 ހެކްޓަރު ބިން މަތިކޮމަންޑޫގައި ހިއްކުން
  • 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮށި، ޖުމްލަ 353 މީޓަރުގެ ބޮޑު ހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުން
  • 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުން
  • މިމަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ތައްޔާރުކުރުން

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ތެރޭގަ އެވެ.