ކޮމަންޑޫ

މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ށ. މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޗާޓާކުރެވިފައިވާ ޑްރެޖާ ”ފިލިޕޯ ބްރުނެލޭޝީ“ އިންނެވެ.

މަތިކޮމަންޑޫ ހިއްކުމަށް މި ޑްރެޖާ މޮބިލައިޒްކުރީ ހއ. އިހަވަންދޫގެ ބިން ހިއްކާ ނިންމުމަށްފަހު ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކާ 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލާނެ އެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތައް

  • ށ. ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކިޝަން މަސައްކަތް ކުރުން
  • 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮށި، ޖުމްލަ 353 މީޓަރުގެ ބޮޑު ހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުން

މި މަޝްރޫއުގެ އަގަކީ 249.9 މިލިއަން ރުފިޔާއެވެ.

މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫއު އަންނަ މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް މިމަހު ވިދާޅުވި އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ތެރޭގަ އެވެ.