އަންހެނުން ބާރުވެރިކުރުވުމާއި ޖިންސުގެ ތަފާތު ކުރުންތައް ނައްތާލުމުގައި އެކުންފުނިން ކުރަމުން އައި މަސައްކަތް ކުރިއަށް ޖެހިލައި ހަރުފަތެއް ގިރާ ކުރެވިއްޖެ ކަމަށާއި ރެހެންދި އެވޯޑް ލިބުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މިއަހަރުގެ ރެހެންދި އެވޯޑްގެ އިންސްޓިޓިއުޝަނަލް ޖެންޑަ މެއިންސްޓްރީމިން ކެޓަގަރީން އެމްޓީސީސީއަށް އެވޯޑް ލިބުމުން މިއަދު އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އަންހެނުން ބާރުވެރި ކުރުވާ ޖިންސުގެ ތަފާތު ކުރުންތައް ނައްތާލަން ކަމަށެވެ.
"އަންހެނުން ބާރުވެރި ކުރުވުމާއި ޖިންސުގެ ތަފާތު ކުރުންތައް ނައްތާލުމަށް ކުރަން ޖެހޭ ދަތުރު އަދިވެސް ކުރިއަށް އެބައޮތް. ނަމަވެސް މި އެވޯޑާއިއެކު އަޅުގަނޑުމެންނަށް މި ދެވުނީ އިތުރު ހަރުފަތެއް ކުރިއަށް،" އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށް މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އެމްޓީސީސީން ބުނީ މި އެވޯޑުގެ ސަބަބުން އެ ކުންފުންޏަށް އަންހެނުން ބާރުވެރިކޮށް ޖިންސުގެ ތަފާތު ކުރުންތައް ނައްތާލުމަށްޓަކައި މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
އެމްޓީސީސީން ވަނީ އެ ކުންފުނިން ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ސަބަބުން ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށާއި ރެހެންދި އެވޯޑުގެ ޖަޖުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.