މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރެވޭ މަސައްކަތްތައް ކޮލިޓީއާ އެކު ރައްޔިތުން ބޭނުންވާ ގޮތަށް އަދި ސަރުކާރުން ބޭނުންވާ ދުވަހަށް ނިންމަމުންދާ ކަމަށާ އެމްޓީސީސީ އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެއްގަމު ދަތުރުފަތުރުގެ ދާއިމީ ހައްލު ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ރަށްވެހިންނަށް ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސްތައް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ އެމްޓީސީސީގެ މުވައްޒިފުންނާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމްް އާޒިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ހިންގުމާ ހަވާލުވިއިރު ހުޅުމާލޭގެ ޓްރާންސްޕޯޓް ހިދުމަތް އޭރު ހަވާލުކޮށްފައި އޮތީ އެމްޕީއެލްއާ ކަމަށާ ނަމަވެސް އެއީ އެކަން އޮންނަންވީ ގޮތް ކަމަށް އެމަނިކުފާނުގެ ސަރުކާރަށް ގަބޫލެއް ނުކުރެއްވުނު ކަމަށެވެ. އެކަމަށް އެކަށީގެންވާ ކުންފުންޏެއް އޭރުވެސް ސަރުކާރުގައި އޮތް ކަމަށާ އެއީ އެމްޓީސީސީ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގައި އެކަމާ މަޝްވަރާ ކުރުމަށް ފަހުގައި ހުޅުމާލޭގެ ޓްރާންސްޕޯޓުގެ ހުރިހާ ކަމެއް އެ ކުންފުންނާއި ހަވާލުކުރި ކަމަށެވެ. އަދި މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް އަވަސްކޮށް ހަލުވިކޮށް ފަސޭހައިން އެކަން ލިބޭނެ ގޮތް އިންތިޒާމު ކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކުރެވުނު ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މިއަދު އެމްޓީސީސީގެ ހުރިހާ މުވައްޒަފުންނަށް. ހާއްސަކޮށް ސީއީއޯ އާދަމް އާޒިމަށް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުން މިގެންދާ ދަތުރުފަތުރުގެ ނިޒާމަކީ މިވަގުތު ރައްޔިތުން ހިތްހަމަޖެހޭ އިތުބާރު ހިފޭ ގޮތަށް ދެވޭ ހިދުމަތަކަށް އެމްޓީސީސީ ބަދަލު ކޮށްފައި ވަނީ. 'ޓީމް އެމްޓީސީސީ' އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،"
އެމަނިކުފާނު ވިދާޅުވީ އެމްޓީސީސީއަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ކަމަށާ ހަވާލުކުރެވޭ މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމައި އޭގެ ކޮލިޓީއާ އެކީގައި ރައްޔިތުން ބޭނުންވާ ގޮތަށް އަދި ސަރުކާރުން ބޭނުންވާ ދުވަހަށް މަސައްކަތް ނިންމަމުން ދަނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ކުންފުންޏަކަށް އެ ކުންފުނި ވާތީ ކަމަށެވެ.
އެމްޓީސީސީ އިން ރާއްޖޭގެ ތަރައްގީ އަށްޓަކައި މިހާރުވެސް ކުރަމުންގެންދާ ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް އެއީ މަގުހެދުން ކަމަށްވިޔަސް ބަނދަރު ހެދުން ކަމަށްވިޔަސް އެއާޕޯޓުތައް ތަރައްގީ ކުރުން ކަމުގައިވިޔަސް ގޮނޑުދޮށްތައް ހިމާޔަތް ކުރުން ކަމުގައިވިޔަސް މިއިން ކޮންމެ ޕްރޮޖެކްޓެއް ހަލުވި ސްޕީޑްގައި ކުރިއަށް ގެންގޮސް އަޅުގަނޑުމެން ބޭނުންވާ ގޮތަށް ނިންމުމަށް ތިޔަބޭފުޅުން ޓީމެއްގެ ގޮތުގައި ތިޔަ ކުރައްވާ މަސައްކަތަށް ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށް ސީއީއޯ އާއި ޗެއާމަން އަދި ހުރިހާ ބޭފުޅުންނަށާއި ހުރިހާ މުވައްޒަފުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
"އާދަމް އާޒިމް އެމްޓީސީސީއާ ހަވާލުވިއިރުގައި އެތަނުގައި ތިބީ 1400 މުވައްޒަފުން. އެކަށީގެންވާ ޕްރޮޖެކްޓްތަކެއް ނުހިނގާ. އެކަމަކު މިއަދު އެމްޓީސީސީގައި ރާއްޖޭގައި މިހާރު މިހިނގާ 300 އަށްވުރެ ގިނަ ޕްރޮޖެކްޓްތައް ހިނގަމުންދާއިރު އޭގެ ބޮޑުބައި އެމްޓީސީސީއިން ހިންގަމުންދާއިރުގައި 3700 އަށްވުރެ ގިނަ މުވައްޒަފުން އެމްޓީސީސީގައި މިއަދު އެބަ މަސައްކަތް ކުރޭ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުންވިއްޔާ މި އަހަރު ނިމޭއިރުގައި ހަތަރުހާހަށް ވުރެ ގިނަ މުވައްޒަފުން އެމްޓީސީސީގައި އެކިއެކި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވާނެ. މިއީވެސް ރާއްޖެއަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވިއެވެ.
އަދި ވަޒީފާ ބޭނުންވެފައި ތިބި އެތައް ޒުވާނުންނަކަށް ތަފާތު ވަޒީފާތައް އަދި ޓްރޭނިންއާ އެކުގައި ދިނުމަށްފަހުގައި އެމްޓީސީސީ އިން ހިދުމަތަށް ނެރެމުންދާ ކަމީ ހުރިހާ ރައްޔިތުންގެ އިތުބާރު އެކުންފުންޏަށް ލިބިގެންދާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ގޮތުން މިރޭ ފަށާ ފޭސް ދޭގެ ބަހުގެ ހިދުމަތުގައިވެސް މުޅިން ދިވެހިން ބައިވެރިކުރާކަމީ އަދި އޭގެތެރޭގައި އަންހެނުންވެސް ހިމެނޭ ގޮތަށް ވަޒީފާ އަދާކުރަމުންދާކަން އެއީ އެމަނިކުފާނު ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފޭސް ދޭއް ތަރައްގީ ކުރުމުގައި އަދިވެސް ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރި ކަމަށް ވިދާޅުވިއެވެ. އެ ގޮތުން ބީޗް ހިތްފަސޭހަކަމާ އެކީގައި ބޭނުން ކުރެވޭނެ ގޮތަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެމްޓީސީސީ އިން މިހާރު އެތަން ތައްޔާރު ކުރުމުގައި ޕްލޭނެއް އެކުލަވައިލައި އަގުތައް ހޯދައި އަމަލީ ގޮތުން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"... އެގޮތުން ސްވިމިން ޓްރެކަކާއި ހަޓްތަކާއި އަދި ޕަބްލިކް ޓޮއިލެޓާއި އާއިލާއާ އެކީގައި ގޮސް ގޮނޑުދޮށުގައި ހަމަޖެހިލައިގެން ތިބެ ޗުއްޓީ ހޭދަކޮށްލެވޭ އިންތިޒާމުތަކެއް ރާވަމުންގެންދާކަން އަޅުގަނޑަށް އެނގޭ. މިއީ ހުޅުމާލޭ ފޭސް ދޭއް ގައި މިހާރު ދިރިއުޅެމުންދާ ރައްޔިތުންނަށް އަދި އަންނަން ތިބި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކާއި އުފަލެއް ކަމަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.