އެމްޓީސީސީ

ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކުރަނީ

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރަގްރާމްގައި ރައީސް ސޯލިހް ވަނީ އެމްޓީސީސީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މާލެ ސަރަހައްދުގައި މިހާރު ބަހުގެ ހިދުމަތް ދެމުންދަނީ އެމްޕީއެލްގެ ފަރާތުންނެވެ.

ރައީސް ވިދާޅުވީ އެމްޓީސީސީގެ ހިންގުންތެރިކަމާއި މާލީ ރޭވުންތެރިކަން ވަރަށް ބޮޑަށް ހަރުދަނާވެފައިވާ ކަމަށާ އެ ކުންފުންޏާއި ހަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ގެންދާ ކަމަށެވެ. މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް

މި ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ހިދުމަތަކީ ދަތުރުފަތުރުގެ ހިދުމަތްކަމުގައި ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެއް ވިސްނުމަކީ، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުން ކަމަށާއި، މި ކަމުގެ މަޝްވަރާތައް ޕްލޭނިން މިނިސްޓްރީއިން ވަރަށް އަވަހަށް އެމްޓީސީސީއާ އެކުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެ މަޝްރޫއުގެ އިތުރު ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ.

ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރު އަތޮޅުތެރޭގެ ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުރިކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވޭ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާރީހުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަގީންކަން ދަމަހައްޓާނެކަން ޔަގީންކުރައްވާ ކަމަށްވެސަ ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހުރަސްތަކާ އެކުވެސް، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުން ތެރިކަމާއި، މާލީ ރޭވުންތެރިކަން ހަރުދަނާ ކުރެވިފައިވާ ކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، ނިމިގެން މިދާ އަހަރަކީ، އެމްޓީސީސީ މުޅި ތާރީހުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުކަން ރައީސް ފާހަގަ ކުރެއްވިއެވެ. ބަލި މަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމުގައި، ތަރައްޤީގެ މުޅިން އައު މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމްޓީސީސީ އުފެއްދީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކެއް، ވީހާ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަގްސަދުގައި ކަމަށާއި، ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި، އެ ކުންފުނިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ.