އެމްޓީސީސީ

އުކުޅަހު ބަނދަރު ހަދާ މަޝްރޫއުގެ އަޕްޑޭޓެއް

Aug 14, 2021

އއ. އުކުޅަހުގައި އެމްޓީސީސީން ކުރިއަށް ގެންދާ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަޕްޑޭޓެއް ދީފި އެވެ.

އެމްޓީސީސީން މިއަދު ބުނީ އުކުޅަހުގެ ބަނދަރުގެ އެއްގަމު ތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 62 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

މި މަޝްރޫއުގެ ދަށުން 19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދަން ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެ އެވެ.