ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ ވައުދެކެވެ. ފެރީގެ ނިޒާމުން ރާއްޖެ ގުޅާލަން ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު" މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީ އަށް ހަވާލުކުރަން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. މި މަސައްކަތް އެ ކުންފުންޏަށް ހަވާލު ކުރަން ލަފާ ދެއްވާފައިވަނީ ވަޒީރުންގެ މަޖިލީހުންނެވެ.
ރައީސް ސޯލިހު މި ގޮތަށް ނިންމަވާފައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނޭޝަނަލް ޕްލޭނިން އާއި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ހިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު އެ ބޭފުޅުންގެ ލަފާގެ މަތިންނެވެ.
މި މަސައްކަތް އެމްޓީސީސީ އަށް ހަވާލުކުރަން ނިންމަފައިވަނީ އިދާރާ ތަކަށް މަޝްވަރާ ކުރައްވާ ލަފާ ހޯއްދެވުމަށް ފަހު އެވެ. އެމްޓީސީސީ އަށް ހަވާލު ކުރަން ނިންމާފައިވަނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ތަކެވެ.
މި ނެޓްވޯކުގެ މަގުސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭންގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާކޮށްފައިވާ ވިއުގަ އެކެވެ.
އެގޮތުން ފެރީ ނެޓްވޯކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާއި ވެސް ގުޅިގެންދާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" ގެ އިތުރުން "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ކޮމިއުޓް ލިންކްއަކީ އެ ރީޖަނެއް ގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުން ތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ކޮށްފައިވާ ލިންކެކެވެ. އަދި ނަން-ކޮމިއުޓް ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަ ކޮށްފައިވާ ލިންކެކެވެ. މީގެ އިތުރުން ހައިވޭ ލިންކަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.