އަލިފުށި

އަލިފުށީ އެއާޕޯޓް އެޅުމަކީ މައްސަަލައެއް ނޫން: އަތޮޅު ކައުންސިލް

ރ. އަތޮޅުގެ ދެކުނު ބިތުގައި، ރ. ފައިނުގައި އެއާޕޯޓެއް އަޅަންވި ވައުދު ފުރިހަމަ ކޮށްދޭނަމަ، އެ އަތޮޅު އަލިފުށީގައި އެއާޕޯޓް އެޅުމަކީ މައްސަލައެއް ނެތް ކަމަށް ރ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

ސަރުކާރުން ކުއްލި ގޮތަށް އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމުމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސެން ނާސިފް ވިދާޅުވީ އެ މައްސަލާގައި ރަސްމީ ސިފައެއްގައި އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށެވެ. އަތޮޅުގެ ރައްޔިތުން އެކަމާ ޝަކުވާ ކުރަނީ ސޯޝަލް މީޑިއާގައި ކަމަށެވެ. ނާސިފް އަދި ވިދާޅުވީ އެއީ އަތޮޅުގެ ދެކުނާއި އުތުރުގެ ކޯޅުމެއް ކަމަށެވެ.

ރ. އަތޮޅުގެ ދެކުނުގައި ކުރީގެ ސަރުކާރުން އެއާޕޯޓެއް އަޅަން ވަނީ ނިންމާފަ އެވެ. އެކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އަލިފުއްޓަކީ އުތުރުގައި ވަކިން އޮންނަ ރަށެއް ކަމަށެވެ. އެހެންކަމުން އެ އެއާޕޯޓްގ ސަބަބުން އަތޮޅުގެ ދެކުނުގެ ރައްޔިތުންނަށް މާބޮޑު މަންފާއެއް ނުލިބޭނެ ކަމަށެވެ. އަދި ދަތުރުފަތުރަށް ލުއިތަކެއް ލިބިގެންވެސް ނުދާނެ ކަމަށެވެ.

"ނަމަވެސް އެއާޕޯޓެއް އެޅުމަކީ ވަރަށް މުހިންމު ކަމެއް. ކޮންމެ ރަށަކަށް ވެސް ތަރައްގީ ބޭނުން ވާނެ. އަޅުގަނޑުގެ ފަރާތުން އެއްބާރުލުން ދޭނަން މި މަޝްރޫއަށް ވެސް." ނާސިފް ވިދާޅުވި އެވެ.

އަލިފުށީ އެއާޕޯޓް އެޅުމަށް އެމްޓީސީއާއި ހަވާލު ކޮށްފައިވާއިރު މި މަޝްރޫއާއި ގުޅޭގޮތުން އަތޮޅު ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ވެސް ނާސިފް ވިދާޅުވި އެވެ.

ރ. އަލިފުށީގައި އެއާޕޯޓެއް އަޅަން މިމަހު އެކެއްގައި އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފަ އެވެ. އެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއަށް އެރަށު ބިން ހިއްކުން ވެސް ހިމެނެ އެވެ. ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތަށް 451،615،528.48 ރުފިޔާ ހަރަދު ވާނެ އެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމި އިރު އެ ޕްރޮޖެކްޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައި ވެއެވެ. އެގޮތުން ރ. އަތޮޅު އިފުރުގައި އެއާޕޯޓެއް އޮންނައިރު އަލިފުށިން ފުރައިގެން އެ އެއާޕޯޓަށް 20 މިނެއް ދެވޭއިރު ކުއްލިއަކަށް އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަގްސަދާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ނެވެ.