ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތުޅާދޫގައި ނިމިފައި ހުރި މަޝްރޫއުތަކެއް އިފްތިތާހުކޮށްފި

ބ. ތުޅާދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ.

ރައީސް ސޯލިހު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުޅާދޫއަށް ވަޑައިގެން ވަނީ އެރަށުގެ ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، އެރަށުގެ 100 ހައުސިން ޔުނިޓްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވާ، ފެނަކަ އާ އޮފީސް ހުޅުއްވައިދެއްވާފަ އެވެ.

ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތްކުރީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ [އެމްޓީސީސީ] އިންނެވެ. މި މަޝްރޫއުގެ ދަށުން 140 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 30 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖަހާފައިވެ އެވެ.

ތުޅާދޫގައި ތަރައްގީކުރި 100 ހައުސިން ޔުނިޓްގެ މަސައްކަތް ކޮށްފައިވަނީ ޖޮއިންޓް ވެންޗާ އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑް އަދި ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި ހައުސިން ޔުނިޓްތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ރައީސް ސޯލިހު މިއަދު ހުޅުއްވައިދެއްވި ތުޅާދޫ ފެނަކަ އާ އޮފީސް އިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖާ ރޫމް، މީޓިން ރޫމް، ގެސްޓްރޫމް އަދި ޕޭންޓްރީ ހިމެނޭ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ.