ޕިކްނިކް އައިލެންޑް

ކުޑަގިރި މިމަހު 10ގައި ހުޅުވަނީ

Feb 1, 2023
1

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ތަރައްގީކުރި ކ. ކުޑަގިރި މި މަހުގެ 10 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ރަށެއް ތައްޔާރުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ދަތުރު ދިޔުމަށް މާލެ ކައިރީގައި ރަށެއް ނެތުމުން ރަށެއް ހެދުމަށް ފަޅެއް ސަރުކާރުން ކަނޑައެޅީ 2019 ވަނަ އަހަރު އެވެ.

ކުޑަގިރި މުޅިން ނިމިފައިވާއިރު އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް އެ ރަށުގައި ވަނީ ގާއިމުކޮށްފަ އެވެ.

އެ ގޮތުން ކުޑަގިރިއަށް ޕިކްނިކަށްދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތައް ކަމަށްވާ ފާހަނާ، ޗޭންޖިން ރޫމް އަދި ނާސިން ރޫމްވެސް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ގާއިމުކޮށްފައިވެ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެ އެވެ.

މާލެއިންނާއި ހުޅުމާލެއިން ކުޑަގިރިއަށް ފުރައިގެން ދިއުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު 15 މިނެޓުން ކުޑަގިރިއަށް ދެވޭނެ އެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެ އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު އޮންނާނެ އެވެ.

މާލެ އަތޮޅު ކުޑަގިރި ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.