ޕިކްނިކް އައިލެންޑް

ކުޑަގިރި ނިމިއްޖެ، ދަތުރު ދާން ތައްޔާރުތަ؟

1

މާ ލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ރަށެއް ތައްޔާރުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ވައުދު ފުއްދެވުމުގެ ގޮތުން ކ. ކުޑަގިރި ފަޅުގައި ތަރައްގީކޮށްފައިވާ ޕިކްނިކް އައިލެންޑް މިހާރު ވަނީ ގާތްގަނޑަކަށް ނިމި ހުޅުވަން މުޅިން ތައްޔާރުވެފަ އެވެ.

މި މަޝްރޫއަކީ ރައީސް ސޯލިހްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖުތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގުނު މަޝްރޫއެކެވެ.

މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިތް އުފާކޮށްލުމަށް ހާއްސަކޮށްފައި އޮތް ކުޑަބަނޑޮސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލާފަ އެވެ.

މިކަމުގެ ސަބަބުން މާލެ ކައިރީގައި ދަތުރު ދިއުމަށް އޮތް ލުއި ފުރުސަތު ހަނިވެގެންދިޔަ އެވެ. އެކަމަކު ސަރުކާރުގެ އެތައް ކުންފުންޏަކާ އެކު އެޗްޑީސީން ގުޅިގެން ކޮށްފައިވާ މަސައްކަތްތަކާ އެކު ކުޑަގިރީގެ މަސައްކަތް ނިންމާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް މާލެ ކައިރީގައި ރަށެއް ނެތުމުން ރަށެއް ހެދުމަށް ފަޅެއް ސަރުކާރުން ކަނޑައެޅީ 2019 ވަނަ އަހަރުއެވެ.

ކުޑަގިރި މުޅިން ނިމިފައިވާއިރު އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް އެ ރަށުގައި ވަނީ ގާއިމުކޮށްފަ އެވެ.

އެޗްޑީސީން ވަނީ ކުޑަގިރިއަށް ދަތުރުދާ މީހުންނަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށްވެސް ތައްޔާރުވެފަ އެވެ. މާލެއިންނާއި ހުޅުމާލެއިން ކުޑަގިރިއަށް ފުރައިގެން ދިއުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު 15 މިނެޓުން ކުޑަގިރިއަށް ދެވޭނެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރީގައި ބަޔަކު މަޖާކޮށްލަނީ -- ވީޑިއޯ: އެޗްޑީސީ

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެ އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަނގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު އޮންނާނެ އެވެ.

މީގެ އިތުރުން މި ރަށުގައި ޑައިވިން އަދި ވޯޓާސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓޫރިސްޓުންނަށްވެސް މި ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ކުޑަގިރިއަށް ޕިކްނިކްދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތައް ކަމަށްވާ ފާހަނާ، ޗޭންޖިން ރޫމް އަދި ނާސިން ރޫމްވެސް ވަނީ ގާއިމުކޮށްފަ އެވެ.ނާސިން ރޫމް ގާއިމުކޮށްފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ފަދަ އިންތިޒާމުތަކާއި އެކު އެވެ. މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ގާއިމުކޮށްފައިވެ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެ އެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފަ އެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށި ހަދާފައިވެ އެވެ. ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރު އަދި ވޯޓާ ސްޕޯޓްސް ސެންޓަރު ހިމެނެ އެވެ.

މީގެއިތުރުން އެޑްމިން ބިލްޑިން އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް މި ރަށުގެ އެކި ސަރަހައްދުގައި ގާއިމުކޮށްފައިވެ އެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެ އެވެ.

ކުޑަގިރި އާމުންނަށް ހުޅުވާލާއިރު މިރަށަށް ދަތުރުދާ މީހުންނަށް ބޭނުންވާނެ ގިނަ ކަންކަން އުނދަގުލެއް ނެތި ލިބޭނެ އިންތިޒާމުތައް މިހާރު އެވަނީ ހަމަޖައްސާފަ އެވެ. މި ރަށް ހުޅުވާލާއިރު ޕިކްނިކް ދިއުމަށް ހަދާފައިވާ އެންމެ ފުރިހަމަ ރަށްކަމުގައި ކުޑަގިރި ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މާލެ ސަރަހައްދުގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި އިހުގެ ޒަމާނީ ދަތުރު ދިއުމުގެ އާދަ އިޔާދަކުރުމުގެ ފުރުސަތު އަލުން ހުޅުވިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

ދަތުރު ދިއުމަށް ކުޑަގިރި މުޅިން ނިމިފައިވީ ނަމަވެސް އާމުންނަށް ރަށް ހުޅުވާލާނެ ދުވަހެއް ސަރުކާރުން އަދިވެސް ހާމައެއް ނުކުރެ އެވެ. ކުޑަގިރި ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން އެރަށުގައި މަސައްކަތްކުރަން މުވައްޒަފުން ހޯދުމަށް އެޗްޑީސީން ވަނީ މިދިޔަ މަހު ހާއްސަ އޯޕަންޑޭ އެއްވެސް ބާއްވާފަ އެވެ.

ކުޑަގިރީގައި މަސައްކަތް ކުރަން ހޮވާ މުވައްޒަފުންނަށް ބޮޑު މުސާރައެއް ދިނުމަށްވެސް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

މާލެ އަތޮޅު ކުޑަގިރި ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.