ހަބަރު

ކޮރަޕްޝަންގެ ތުހުމަތުވާ ކުންފުނިތަކުން ޓްރާންސިޝަން ކޮމިޓީއަށް އެއްބާރުުލުން ނުދިން

ކުންފުނި އެސެސްކުރުމަށް މައުލޫމާތު ހޯދުމަށް ކުރި މަސައްކަތްތަކަށް ސަރުކާރުގެ މައި ހަ ކުންފުންޏަކުން އެއްބާރުލުން ނުލިބުނު ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ޓްރާންސިޝަނަލް ކޮމިޓީއިން ބުނެފި އެވެ.

އިބޫގެ ޓްރާންސިޝަނަލް ކޮމިޓީގެ، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ބެލުމަށް އެކުލަވާލި ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، އިިސްމާއިލް ލަބީބް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ސަބްސިޑައިރީ، ނުވަތަ ޕަބްލިކް ކުންފުނީގެ ގޮތުގައި ނުހިމެނޭ 25 ކުންފުނީގެ ތެރެއިން ޓްރާންސިޝަނަލް ކޮމިޓީއަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހަ ކުންފުންޏަކުން ދެކޮޅު ހެދި ކަމަށެވެ.

އޭގެ ތެރޭގައި އެޗްޑީސީ، ފެނަކަ، އެމްޕީއެލް، އެމްޓީސީސީ، ޕީއެސްއެމް، އާސަންދަ، ކައްދޫ އެއާޕޯޓް ކުންފުނި، އަދި ފެނަކަ ހިމެނޭ ކަމަށް އެ ކޮމިޓީ އިން ފާހަގަކުރި އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ އެމްއެމްޕީއާރްސީ އިން ވެސް އެކަށީގެންވާ މައުލޫމާތުތައް ލިބިފައި ނެތްކަން އެ ކޮމިޓީއިން ހާމަކޮށްފައިވާއިރު، މި ލިސްޓުގެ ގިނަ ކުންފުނިތަކަކީ ކޮރަޕްޝަންގެ މައްސަލަތަކުގައި މީގެ ކުރިން ތުހުމަތުތަކެއް ކުރެވިފައިވާ ކުންފުނިތަކެކެވެ.

ލަބީބް ވިދާޅުވީ، ފައިނެންޝިއަލް އެސެސްމަންޓަށް މި ކުންފުނިތަކުގެ ވެރިން އެއްބާރުލުން ނުދިން ނަމަވެސް އެތަންތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ ފަރާތުން ބައެއް މައުލޫމާތުއް ލިބުނު ކަމަށެވެ. ސަރުކާރު ބަދަލުވާ މަރުހަލާގައި ގާނޫނީ ގޮތުން އުފައްދަންޖެހޭ ކޮމިޓީއަކުން އެތަންތަނަށް ދިއުމުން އެތަންތަނުގެ މިހާރުގެ ވެރިންގެ އެއްބާރުލުން ނުލިބުމަކީ ދެރަ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސެސްމަންޓްގެ ބައެއް ނަތީޖާއަށް ބަލާއިރު، ލަބީބު ވިދާޅުވީ، ސަރުކާރު ހިއްސާ އޮންނަ މައިގަނޑު 28 ކުންފުނީގެ ތެރެއިން ޕަބްލިކް ސާވިސް ކުންފުނި، ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ސަބްސިޑައިރި ކުންފުނި ނުލައި ސަރުކާރުގެ އަމިއްލަ 25 ކުންފުނި އޮންނަ އިރު އެތަނުން ފައިދާވަނީ އެންމެ ނުވަ ކުންފުންޏަކުން ކަމަށެވެ. އެގޮތުން މިހާރުވެސް ސްޓޭޓް އޯންޑް ނުވަތަ ސަރުކާރުގެ އަމިއްލަ ކުންފުނިތަކުން އެކި ފަރާތްތަކަށް 3.9 ބިލިއަން ރުފިޔާ ދަރާފައިވާކަން އެސެސްމަންޓަށް ފާހަގަކުރެވިފައިވާއިރު، މި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި މިހާރުވެސް ނުލިބުބި 4.4 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ލަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރު މިކުންފުނިތަކުން ދައުލަތަށް 891 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ޑިވިޑެންޑް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެއާއެކު، ދައުލަތުން މި ކުންފުނިތަކަށް ހަރަދުކުރަންޖެހޭ ފައިސާގެ ގޮތުގައި ހަތްލައްކަ އައްޑިހަ ހަތަރު މިލިއަނަށްވުރެ ބޮޑު އަދަދެއް ބަޖެޓުގައި ހިމަނާފައި އޮތް އިރު، ކުންފުނިތަކުން ދައުލަތަށް ލިބެންޖެހޭ އެއޗަކަށްވުރެ ދައުލަތުން ކުންފުނިތަކަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ކޮމިޓީއަށް ފާހަގަކުރެވުނު ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިކުންފުނިތަކުން ދައުލަތަށް ލިބެނީ 891 މިލިއަން ރުފިޔާ، ދައުލަތުން މި ކުންފުނިތަކަށް ކެޕިޓަލް ގެ ގޮތުގައާއި ލޯން ރިޕޭމަންޓްގެ ގޮތުގައާއި ސަބްސިޑައިރީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ އެބަ ދައްކާ. އެހެންވީމަ ލިބޭ އެއްޗަކަށްވުރެ ދެގުނަ މި ކުންފުނިތަކަށް ދައުލަތުން އެބަ ހަރަދުކުރޭ،" ލަބީބް ވިދާޅުވި އެވެ.

އެހެން ނަމަވެސް ފައިދާ ނުވާ ކުންފުނިތަކުގެ ގޮތުގައި މިހާރު ހުރި ކުންފުނިތަކުން އަދިވެސް ރަނގަޅަށް ހިންގައިގެން ފައިދާ ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ ކޮމިޓީ އިން ތައްޔާރުކުރި އެސެސްމަންޓް ރިޕޯޓުގައި ވެސް އެކަން ހިމަނާފައިވާނެ ކަމަށެވެ.

ލަބީބް ވިދާޅުވީ، ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއް އަންނަ އިރުވެސް، ހިންގުން ހަރުދަނާކޮށް، މިކުންފުނިތަކަކީ ފައިދާ ނެރެވޭނެ ކުންފުނިތަކަކަށް ހެދުމަށް އެރިޕޯޓުގައި ލަފާދީފައިވާނެ ކަމަށެވެ.