ހަބަރު

އަމިއްލަ ފަރާތްތަކުން ސަރުކާރުގެ ކުންފުނިތަކަށް 2.4 ބިލިއަން ރުފިޔާ ނުލިބި

ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 2.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓުގައި ބުނެފި އެވެ.

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލާފަ އެވެ. އެ ޑްރާފްޓް ރިޕޯޓު މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރުމަށް ފަހު، އިއްޔެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ރިޕޯޓާ ގުޅިގެން ކުރިއަށް ދިއަ ބަހުސްގައި އަމިއްލަ ފަރާތްތަކުން ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނި އަނބުރާ ހޯދުމުގައި ކޯޓުތަކުން މެދުވެރިވާ ދަތިތަކާ ގުޅޭގޮތުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ޝަހީމްގެ ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި، ކޮމިޓީގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާގެ އަދަދު 7.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އޭގެ ތެރެއިން، އަމިއްލަ ފަރާތްތަކުން ދައްކަންޖެހި ނުދައްކާ 2.4 ބިލިއަން ރުފިޔާ ހުރި ކަމަށް ރިޕޯޓާ ހަވާލާދީ ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރިސީވަބަލްސް [ލިބެންޖެހޭ] ގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ އެބަވޭ. ޕެޔަބަލްސް [ދައްކަންޖެހޭ] ގެ ގޮތުގައިވާ އަދަދު މާ ކުޑަ. 5.4 ބިލިއަން ރުފިޔާ،" އެމަނިކުފާނު ތަފްސީލުކޮށް ދެއްވި އެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން، އަމިއްލަ ފަރާތްތަކުން 2.4 ބިލިއަން ރުފިޔާ ނުލިބި ވެއެވެ. އެ ފައިސާ ކޮންމެހެންވެސް ހޯދަންޖެހެ އެވެ.

އަމިއްލަ ފަރާތްތަކުން ކުންފުނިތަކަށް ނުލިބި ހުރި ފައިސާ

  • އެމްޓީސީސީއަށް: 213 މިލިއަން ރުފިޔާ
  • އެސްޓީއޯއަށް: 280 މިލިއަން ރުފިޔާ
  • އައިއޭއެސްއެލްއަށް: 210 މިލިއަން
  • ސްޓެލްކޯއަށް: 266 މިލިއަން ރުފިޔާ
  • އެމްއޭސީއެލްއަށް: 189 މިލިއަން ރުފިޔާ
  • އެޗްޑީސީއަށް: 717 މިލިއަން ރުފިޔާ
  • ޕޯޓްސް އޮތޯރިޓީއަށް: 16 މިލިއަން ރުފިޔާ
  • އެމްޑަބްލިޔުއެސްސީއަށް: 306 މިލިއަން ރުފިޔާ
  • ފެނަކައަށް: 115 މިލިއަން ރުފިޔާ
  • މޯލްޑިވްސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސްއަށް: - 410،000 ރުފިޔާ
  • އެމްއެމްޕީއާރުސީއަށް: - 4.8 މިލިއަން ރުފިޔާ

"ދަތިވެގެން އުޅޭއިރެއްގައި 87 މެންބަރުން ބަހާލައިގެން އެކިއެކި ގޭގޭ ދޮރުމައްޗަށް ގޮސްގެން ވެސް މި ފައިސާކޮޅު އަތުވޭތޯ ބެލުން ބޭނުންތެރި،" ނަޝީދު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ އެކި ފަރާތްތަކަށް ދައްކަންޖެހިފައިވާ 1.7 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށެވެ.

އަދި އިލްޔާސް ލަބީބް ފާހަގަކުރެއްވި ގޮތަށް ދައުލަތުގެ ދަރަނި ރީ ސްޓްރަކްޗާ ކުރާއިރު އެކަމަށް ވިސްނަންޖެހޭކަމަށް ނަޝީދުވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފައި ވެއެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޓީއެއް އެކުލަވާލަން ހުށަހެޅުމަށެވެ.

އިއްޔެގެ ބައްދަލުވުމެއްގައި އެ ރިޕޯޓު ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އެ ރިޕޯޓު ފާސްވުމާއެކު، އެ ރިޕޯޓު އަލުން މަޖިލީހުގެ ތަޅުމަށް ގެންގޮސް ވޯޓަށް އަހާނެ އެވެ.