މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ޕިކްނިކް އައިލެންޑް މާޗް މަހުގައި ނިމޭނެ

ކ. ކުޑަގިރި ފަޅުގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ޕިކްނިކް އައިލެންޑްގައި މަސައްކަތް ހިނގާ ކަމަށާއި އަންނަ އަހަރުގެ މާޗް މަހު ނިމޭ ހިސާބު ރަށް ތަރައްގީކޮށް ނިމޭނެ ކަމަށެވެ.

ޕިކްނިކް އައިލެންޑު ތަރައްގީ ކުރަން ޕްލޭނިން މިނިސްޓްރީން ދީފައި ވަނީ އެމްޓީސީސީއަށެވެ. އެއީ 150 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މަސައްކަތަށް 41.4 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާނެ އެވެ.

ކުޑަގިރި ފަޅުން ދެ ރަށް ހިއްކާނެ އެވެ. އެއީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑާއި ސޭންޑްބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.