އެމްއެސްއެސް

އެމްޕީއެލް އިން ހިންގާ އައްޑޫ ބަނދަރުން ދޭ ހިދުމަތުގެ ފެންވަރު ދަށް: އެމްއެސްއެސް

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު އޮޕަރޭޓްކުރާ އާގު ބޯޓު ބަނދަރުކުރާ އެމްޕީއެލްގެ އައްޑޫ ޕޯޓުން ދޭ ހިދުމަތުގެ ފެންވަރު ވަރަށް ދަށް ކަމަށް އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ އެމްއެސްއެސްގެ ބޯޓު އެމްބީ ބޮންތިން އައްޑުއަށް ގެންދާ މުދަލުގެ އަގު ބޮޑު ކަމަށް ބުނެ، ދައުލަތުގެ ކުންފުނިތައް ހިނގާ ނުހިނގާ ގޮތް ބަަލަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު އޮޕަރޭޓްކުރާ އާގު ބޯޓުން އައްޑޫ ބަނދަރަށް ގެންދާ މުދަލުގެ އަގު އާންމު އަގުތަކަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. އަދި އަގުތަކަށް ބަދަލު ގެނެސްފައިވާ މައިގަނޑު ސަބަބަކީ ބަނދަރު ހިންގާ އެމްޕީއެލް އިން ހިދުމަތަށް ނަގާ އަގު މާބޮޑުވުމުން ކަމަށެވެ.

އެމްއެސްއެސްގެ ބޯޓު އައްޑުއަށް ގަވައިދުން ކުރާ ދަތުރުތަކުގައި އައްޑޫ ބަނދަަރުން ހޯދާ ހިދުމަތްތަކަށް އަގު ނަގަނީ ޗާޓަރު ކޮށްގެން ބައެއް ފަހަރު ދަތުރުކުރާ ބޯޓްފަހަރަށް ނަގާ ރޭޓުން ކަމަށާއި ދަތުރުތައް ފެށި އިރު، އެމްޕީއެލް އިން ބުނެފައިވާ ގޮތަށް، އަގުތައް ރިވައިސްކޮށްފައި ވެސް ނުވާ ކަމަށެވެ.

"އެމްޕީއެލް އިން ނަގާ އަގު ބޮޑުވުމާއި އައްޑޫ ބަނދަރުން ލިބޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ކާގޯ އުފުލުމަށް ނަގާ އަގު އެތައް ފަހަރަކު ބޮޑުކުރަން ޖެހުނު. ނަމަވެސް މިއީ ބޮޑު އަގެއް ނޫން. ޓުޓިކޮރިން އިން މާލެއަށް ދަތުރުކުރާ ލަކުޑި ބޯޓްތަކުގައި ވެސް މުދާ ގެނެވެނީ އެ އަގަށް. އެހެންވީމަ މިހާރު ވެސް އައްޑޫ ބޭފުޅުންނަށް ކާގޯ ލިބެނީ ޑިސްކައުންޓެޑް ރޭޓެއްގައި،" ސައީދު ވިދާޅުވި އެެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޕީއެލް އިން އައްޑޫ ބަނދަރުގައި ދޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބޯޓްގެ ދަތުރު ވަރަށް ބޮޑަށް ލަަސްވެސްވާ ކަމަށެވެ. އަދި ބޯޓު މުޅިން ބަރުކޮށްގެން ކުރާ ދަތުރުގައި ގެންދާ 3،700 ޓަނުގެ މުދާ ބާލައި ބޯޓް ހުސްކުރަން 20 ދުވަސް ހޭދަވާ ކަމަށެވެ.

"އެމްޕީއެލް އިން ބުނީ ބަނދަރުގައި ބޯޓް ރޯލު ކުރާލެއް ބޮޑުކަމުން ކްރޭން އޮޕަރޭޓްކުރަން އުނދަގޫވާތީ މުދާ ހުސްކުރަން ގިނަ ދުވަސް ނަގަނީ ކަމަށް" ސައީދު ވިދާޅުވި އެވެ. އެހެންވެ އެސްޓީއޯގެ ކްރޭނެއް ގެންގޮސްގެން ކިތަންމެ ދަތުރެއްގައި އަމިއްލައަށް މުދާ ބާލާފައި ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.