އެސްޓީއޯގެ ދަށުން ހިންގަމުންދާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެރޭގައި ހިންގާފައިވާ ތެލުގެ ހިޔާނާތާ ގުޅިގެން އެސްޓީއޯގެ ބޯޑު މެންބަރުން އޮޑިޓް ކޮމިޓީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ފާސްކޮށްފި އެވެ.
އެސްޓީއޯގެ ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ އެ ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު އެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ މިއަދު ބައްދަލުވުމަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2018 އިން 2019 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ އެފްއެސްއެމް އިން ވިއްކާ ތެލުން ވައްކަންކޮށް ހިނާޔާތްތެރިވުމަކީ ވަރަށް ކުރިން ފެށިގެން ހިންގަމުންދާ އަދި މިހާރުވެސް ހިނގަމުންދާ ކަމެއް ކަމަށެވެ. މިކަން ކުރަނީ އާދައިގެ މުވައްޒަފުންނާއި ކުންފުނީގެ އެންމެ އިސްވެރިން ގުޅިގެން ކަމަށްވެސް ނާޒިމު ތުހުމަތު ކުރެއްވި އެވެ.
ނާޒިމު ވިދާޅުވި ގޮތުގައި އެފްއެސްއެމްގެ ތެރޭގައި ހިންގާފައިވާ ތެލުގެ ބޮޑު ހިޔާނާތަކީ 50 މިލިއަން ރުފިޔާގެ ހިޔާނާތެކެވެ. މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންވެސް ކުރިން ވިދާޅުވެފައިވެ އެވެ.
"މިއީ މޫލައި ރޭވިގެން ހިނގާ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ހައްދުން ނައްޓާފައިވާތީ ކުންފުނިތަކުން އިއުލާން ކުރާ މަޝްރޫއެއްގެ ބީލަމެއްވެސް އަމިއްލަ ކުންފުންޏަކަށް މިހާރު ކާމިޔާބު ކުރެވެނީ ޖިޒީއެއް ދައްކައިގެންނެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ވަނީ އެމްޕީއެލްގެ ބޯޑާއި އެ ކުންފުނީގެ ކަމާގުޅޭ ވެރިންވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފަ އެވެ.
އެމްޕީއެލްގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން ނިންމީ އެމްޕީއެލްއާ ގުޅޭ ތެލުގެ ހިޔާނާތާއި އެ ކުންފުނިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ފްލެޓް އެޅުމުގެ މަޝްރޫއުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާ ގުޅިގެން އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ މައުލޫމާތު ސާފުކުރުމަށެެވެ.