ހަބަރު

އެސްއޯއީތަކުގެ އެމްޑީންނަށް ބޮޑެތި ތުހުމަތުތަކާއި ފާޑުކިއުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިޔާނާތުގެ މައްސަލަތަކެއް މި ފަހުން ވެސް އާއްމުވެފައިވާއިރު، އެ ހިޔާނާތުގެ އަޑީގައި ތިބެނީ އެ ކުންފުނިތައް ހިންގަން ސަރުކާރުން އައްޔަން ކުރާ ބޭފުޅުން ކަމަށް ތުހުމަތު ކޮށްފި އެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ، މޯލްޑިވް ގޭސް އިން 2018 ވަނަ އަހަރުގެ ކުރިން މާކެޓު ރޭޓަށް ވުރެ އަގު ބޮޑުކޮށް ގޭސް ގަނެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިދިއަ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ނުރުހުން އަމާޒު ކުރެއްވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިއްބެވި އިސްވެރިންނަށެވެ.

މިގޮތުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އެކި ސަރުކާރުތަކުގައި ކުންފުނިތަކުގައި ތިބި އެމްޑީޕީން، އެފަދަ ހިޔާނާތްތައް ހިންގުމަށްފަހު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ގާނޫނު އަސާސީ އިސްލާހުކޮށްގެން ނަމަވެސް، އެ ބޭފުޅުންގެ ޕާސްޕޯޓު ކެންސަލްކޮށް، އަނބުރާ ރާއްޖެ ގެނެވޭނެ ގޮތެއް ހަދަން ޖެހޭކަމަށް ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވާ، ޖާބިރު ވިދާޅުވި އެވެ.

"ކޮންމެވެސް ހިސާބަކުން އެބަޖެހޭ ނޫންތޯ ހިފާފައި، އަނބުރާލާފައި، އަޅުގަނޑުމެން މި ދައްކާ ޒީރޯ ޓޮލަރެންސް ކޮރަޕްޝަނާ ދިމާއަށް ނުދާ ގޮތަށް އަނބުރާލަން،" ޖާބިރު ވިދާޅުވި އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުންފުނިތައް ސަރުކާރުން އުފައްދާފައި ވަނީ ރައްޔިތުންގެ ފައިދާއަށް ކަމަށާއި، ނަމަވެސް، އެ ކުންފުނިތަކަށް އައްޔަނުކުރާ އިސްވެރިން، އެ ފައިސާއަށް ހިޔާނާތްތެރި ވަމުންދާ ކަމަށެވެ.

"ކޮންމެ ބޭފުޅަކު ވެސް ވަޑައިގެން މިކުރާ ކަމަކީ ޑީލްތައް ހޯދުން. އެހެން ނޫނީ އެމީހެއްގެ ކެމްޕޭނު ފެށުން. ދެން އަންނަ ދައުރަކަށް އެ މީހެއްގެ ކެމްޕޭނު ފެށުން އެކެއްގެ ކަމަކީ. އަނެއް މިހާގެ ކަމަކީ ނުދެއްކިފައި ހުރި ލޯނުތައް ސާފުކުރުން،" ޔާސިރު ތުހުމަތު ކުރެއްވި އެވެ.

އެކަން ހުއްޓުވުމަށްޓަކައި، އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ސަރުކާރުގެ ކުންފުނިތައް ޕްރައިވަޓައިޒްކުރަން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

އަދި މިފަދަ ކިތަންމެ ރިޕޯޓެއް ފެންމަތިވެގެން އައިނަމަވެސް، ވައްކަންކޮށްފައި، ހަމަޖެހިލައިގެން ތިބެވޭ ގޮތަށް ނިޒާމު އޮންނަހާ ދުވަހަކު، ދައުލަތުގެ ފައިސާއިން ވައްކަން ކުރުން ނުހުއްޓުވޭނެކަމަށް ޔާސިރު ތަކުރާރުކޮށް ވިދާޅުވި އެވެ.

މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރުމަކީ، ޒާމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށާއި، އެކަން ތަކުރާރުވަމުން އަންނަނީ ސަރުކާރު ބަދަލުވިޔަސް، އެ ކުންފުނިތަކުގެ ޑިޕާޓްމަންޓުތަކުގައި ތިބޭ މީހުން ބަދަލުނުވާތީ ކަމަށެވެ.

"މި ގައުމުގައި ވައްކަންތައް ސަރުކާރުގެ ކުންފުނިތަކުން ކުރަމުންމިދަނީ، ވަރަށް ކުރީއްސުރެވެސް ދާދި ހަމަ އެއް ބަޔަކު. ޕްރޮކިޔުމަންޓް ޑިޕާމަންޓުތަކެއް ބަދަލެއްނުވޭ. އެތަންތަނުގެ ހެޑުންނެއް ބަދަލެއްނުވޭ. ޕާޗޭސިން ޑިޕާޓުމަންޓުތަކުގެ ހެޑުންނެއް ބަދަލެއްނުވޭ. އެޑްމިންގައިވެސް މި ތިބެނީ ހަމަ އެއް ބަޔަކު،" ކޮންމެ ސަރުކާރަކާއެކު ބަދަލުވަނީ ހަމައެކަނި ކުންފުނިތަކުގެ އެމްޑީންކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވި އެވެ.

އެ ދުވަހު ކުރިއަށްދިއަ ބަހުސްގައި، ސަރުކާރުގެ ކުންފުނިތަކަށް އައްޔަނުކުރާ އިސް ވެރިންނަށް އެންމެ ފާޑުކިއުމަކާއި ތުހުމަތެއް އަމާޒުކުރެއްވީ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރުން މުހައްމަދު ރާއީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުންފުނިތަކަށް އައްޔަނުކުރާ އެމްޑީންގެ ވަނަވަރު ރަނގަޅަށް ނުބެލޭއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުންގެ މަގުސަދަކީ ނުހައްގުން މުއްސަނދިކަން ހޯދައިގެން، ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރުން، ނުވަތަ އިންތިހާބަކަށް ކުރިމަތިލާން ކެމްޕޭނު ފައިސާ ހޯދުން ކަމަށެވެ.

"މިކަންތައް ހިނގާ ގޮތަކީ މިއީ. ކޮންމެ ކޮމްޕެނީއެއްގައި އެމްޑީންނަށް މަޖިލީހުގެ މެންބަރުންނަށް ވުރެ މާ ފަސޭހަކޮށް އުޅެލެވެން އެބައޮތް. އޮވޭ ލޯންޗެއް ހަމަޖައްސާފައި. އޭގައި ދަނީ މަސްދަތުރުތައް ގޮވައިގެން. މަޖާކޮށްލަން އޮންނަ އެއްޗެއް އޮންނަނީ. ސެލެރީ އަހެރެމެން މި ތަނގުގައި އުޅޭ އެމްޕީންނަށް ވުރެ މާ ބޮޑު. އަޗާ ތަޅާލާފައި ވާހަކަދައްކަން ތިބެނީ،" ރާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ޓެކްސް ފައިސާ އިން ހަރަދުކޮށްގެން ބައެއް ކުންފުނިތައް ހިންގާއިރު، އޭގެ ތެރެއިން ގިނަ ކުންފުނިތަކުގެ ހިގުން ދޯދިޔާވެ، އޮޕަރޭޓް ކުރަމުންދަނީ ގެއްލުމުގައި ކަމަށެވެ.

މިގޮތުން، މިއަހަރު އިފްތިހާހުކުރި، އެސްޓީއޯގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) ވެސް ހިންގަމުންދަނީ ގެއްލުމުގައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އެއްތާކުން ތެޔޮ ވަގަށް ނަގަނީ. އަނެއްތާކުން، މޯލްޑިވް ގޭސް އިން ގޭސް ވަގަށް ނަގަނީ. އަނެއް މިނިސްޓަރަކު ވެންޓިލޭޓަރުން ވައްކަންކުރަނީ. މިއީ ކިހާބޮޑުވެއްޖެ ކަމެއްތޯ؟ އަޅުގަނޑުމެންނަށް މީގެ ނިމުމެއް ނާދޭ،" ރާއީ ވިދާޅުވި އެވެ.

ކުންފުނިތަކުގެ ތެރެއިން ވައްކަންކުރުން ހުއްޓުވުމަށްޓަކައި، ސީދާ މަޖިލީހުން ނަމަވެސް، ކުންފުނިތަކުގެ ހިންގުން ރެގިއުލޭޓްކުރެވި، އެ ކުންފުނުތަކުން ކުރާ ކަންކަން ގާތުން ބަލަންޖެހޭކަމަށް އޭނާ ތަކުރާރުކޮށް ގޮވާލެއްވި އެވެ.