އާ ސިލިންޑަރުތަކަކަށް މޯލްޑިވް ގޭހުން އޯޑަރު ދިނުމުން ބާ ސިލިންޑަރުތަކެއް ލިބުނު މައްސަލާގައި ސިލިންޑަރުތައް ގަތުމަށް ސިންގަޕޯރުގެ ޕްރޯބިޒް ކުންފުންޏާއި ހަވާލު ކުރަން އެއްވެސް ފަރާތެއްގެ ނުފޫޒު އައިސްފައި ނުވާ ކަމަށް އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމެންޓް މެނޭޖަރު އަހުމަދު ސުއޫދު ފާރޫގް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ހެދި ފެސިލިޓީތަކަށް ފޯރުކޮށް ދޭން އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި މޯލްޑިވް ގޭހުން ހަރަދު ކުރި އިރު 16 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން އެކުލެވޭ ކަމަށް ވަނީ ތުހުމަތުތު ކުރެވި މައްސަލަ ފެނަމަތިވެފަ އެވެ.
އެ މައްސަލަ ބަލަމުން ދާއިރު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމިޓީއަށް ސުއޫދު ހާޒިރުކޮށް ސުވާލު ކޮށްފައި ވަނީ އެ ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމަށް ސުއޫދު ހާޒިރު ކުރެވިފައި ނުވާތީ އާއި އެ ދުވަހުގެ ބައްދަލުވުމުގައި ކުރެވުނު ގިނަ ސުވާލުތަކާ ގުޅިގެން "އެކަން އެނގޭނީ ސުއޫދަށް" ކަމަށް އެތައް ފަހަރެއްގެ މަތިން ގޭހުގެ ފަރާތުން ކޮމެޓީއަށް ވަޑައިގެންނެވި ބޭފުޅުން ވިދާޅުވެފައި ވާތީ އެވެ.
އެސްއޯއީ ކޮމިޓީއަށް ސުއޫދު ހާޒިރުކޮށް މިއަދު ސުވާލު ކުރުމުން މިހާރު އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވާ ސުއޫދު ވިދާޅުވީ އޭނާއަށް ކުރީގެ އެކްޓިން އެމްޑީ އިކްރާމް އަލީ އެހެން މީހަކުވެސް ސިލިންޑަރުތައް ގަތުމަށް ޕްރޯބިޒަށް ހަވާލު ކުރަން އަންގާފައި ނުވާނެ ކަމަށެވެ. އެކަމުގައި އޭނާ ލަފާ ހޯދާފައި ވާނީ އެ ޑިޕާޓްމެންޓްގެ ސްޓާފުންގެ ކިބައިން ކަމަށާއި ޕްރޯބިޒަކީ ކުރިން އެ ކުންފުންޏަށް ތަކެތި ސަޕްލައި ކޮށްފައިވާ ފަރާތެއް ކަމަށެވެ.
"އަޅުގަނޑަށް އައީ ބާ ސިލިންޑަރުތަކެއްކަން އެނގުނު ހިސާބުން ވަގުތުން [އިކްރާމް] އަށް ގުޅާފަ ދެންނެވިން. އޭނާ ވިދާޅުވީ އެންޑީއެމްއޭ [ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް] އިން މި ހާލަތަށް ބަލާފައި އެތަކެތި ބަލައިގަންނާނެ ކަމަށް. އެއީ ވަރަށް އެމަޖެންސީގަ ގެނެވުނު ތަކެއްޗަށް ވާތީ." ސުއޫދު ވިދާޅުވި އެވެ.
ޕްރޯބިޒް ކުންފުންޏާއި ގުޅުވައި ކޮމިޓީން ވަނީ އެތައް ސުވާލުތަކެއް ކޮށްފަ އެވެ. އެއީ ރޭ އިސްތިއުފާ ދެއްވި އެ ކުންފުނީގެ ކުރީގެ ޑީއެމްޑީ އިކްރާމާއި ގުޅުމެއް އޮތް ކުންފުންޏެއް ކަމަށް އަޑުތަކެއް ވެސް އަރާފައި ވާތީ އެވެ. އެ ކުންފުނިން ދިން ޓިކެޓަކަށް އިކްރާމް ސިންގަޕޫރަށް ޗުއްޓީއަށް ވަޑައިގެންނެވި ވާހަކަ އޭނާ ވަނީ ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި އިކްރާމް ވަނީ ދޮގު ކޮށްފަ އެވެ.
އިކްރާމް އެ ދުވަހު ވިދާޅުވީ އޭނާ ސިންގަޕޯރަށް ވަޑައިގަތީ ރައްޓިއްސަކު ދިން ޓިކެޓެއްގައި ކަމަށާއި ޕްރޯބިޒާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ކޮމިޓީން ވަނީ ޕްރޯބިޒް ކުންފުންޏާއި ސުއޫދުއާ އެއްވެސް ގުޅުމެއް އޮންނަ ކަމާއި އެއްވެސް މުއާމަލާތެއް އެ ކުންފުންޏާއި އެކީ ކޮށްފައިވާނެތޯ ސުއޫދު އާ ވެސް މިއަދު ސުވާލުކޮށްފަ އެވެ. އޭގެ ރައްދުގައި ސުއޫދު ވިދާޅުވީ ސަޕްލައި ޕްރޮސެސްގައި ކުރި މުއާމަލާތް ފިޔަވައި އިތުރު އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެ ކަމަށާއި އެހެން އެއްވެސް ގުޅުމެއް އެ ކުންފުންޏާއެކު ނޯންނާނެ ކަމަށެވެ.
ސުއޫދު އަދި ވިދާޅުވީ ބާ ސިލިންޑަރުތަކެއް ލިބުނު ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނު ވަގުތު ޑީއެމްޑީ އިކްރާމަށް ގުޅައި އެކަން އަންގާފައިވާނެ ކަމަށާއި ސަޕްލަޔަރުންނާއި ކުރި ހުރިހާ މުއާމަލާތެއް ވެސް މެއިލް އިން އިކްރާމަށް ފެނި ވަޑައިގަންނަވާނެ ކަމަށެވެ.
ސުއޫދު އެހެން ވިދާޅުވި ނަމަވެސް އެކަންކަމާ ގުޅޭ ތަފްސީލުތައް އެނގިވަޑައި ނުގަންނަވާ ކަމަށް އިކްރާމް ވަނީ ކުރިން ވިދާޅުވެފަ އެވެ.