އެސްއޯއީ ކޮމެޓީ

އޮޑިޓަށް ނުފޫޒެއް ނެތް، އިކުރާމު ކުރީ ދޮގު ތުހުމަތުތަކެއް

މޯލްޑިވް ގޭހުން އާ ސިލިންޑަރުތަކަކަށް އޯޑަރު ދިނުމުން ބާ ސިލިންޑަރުތަކެއް އައިވ މައްސަލައާއި ގުޅުވައިގެން އެ ކުންފުނީގެ އޭރުގެ އެކްޓިން އެމްޑީ އިކްރާމް އަލީ އެސްޓީއޯ އިންޓާނަލް އޮޑިޓް ކޮމިޓީއަށް ކުރި ތުހުމަތުތައް ދޮގު ކޮށްފި އެވެ.

ބާ ސިލިންޑަރުތަކެއް ލިބުނު މައްސަލައިގައި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިޒެސް (އެސްއޯއީ) ކޮމިޓީއަށް ކުރީން އިކްރާމް ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ވަނީ އެސްޓީއޯ އޮޑިޓް ކޮމިޓީއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އެއީ އެސްޓީއޯ އޮޑިޓް ކޮމިޓީ އާއި ފިއުލް ސަޕްލައި މޯލްޑިވްސް އަދި މޯލްޑިވް ގޭހުގެ ބައެއް ފަރާތްތަކުން ރާވައި އޭނާ ފްރޭމް ކުރީ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލާގައި މިއަދު އެސްއޯއީ ކޮމިޓީއަށް އެސްޓީއޯ އޮޑިޓް ކޮމިޓީގެ ވެރިން ވަނީ ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

އެސްޓީއޯގެ އޮޑިޓް ކޮމިޓީގެ ޗެއާމަން ޝިމާދު އިބްރާހިމް މިއަދު ވިދާޅުވީ، އެއީވ މިނިވަން ކޮމެޓީއެއް ކަމަށާއި އެސްޓީއޯގެ މެނޭޖްމެންޓުން އެ ކޮމެޓީގެ އެއްވެސް ކަމަކާ ނުބެހޭ ކަމަށެވެ.

ސިލިންޑަރު އޮޑިޓް ލީޑް ކުރެއްވި ޗީފް އޮޑިޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިކްރާމް އެ ކޮމެޓީގެ މައްޗަށް ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެއްވެސް ފަރާތަކުން އެއްވެސް ނުފޫޒެއް ކޮމެޓީއަށް ނެތް ކަމަށެވެ.

އެސްއޯއީ ކޮމެޓީގައި އިކުރާމް، އޮޑިޓް ކޮމެޓީއަށް ބޮޑެތި ތުހުމަތުތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ކުރުމުން އެކަމަށް ފިޔަވަޅެއް އަޅައި ބަޔާނެއް ނުނެރުނީ ކީއްވެގެންތޯ ކޮމެޓީގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ މިއަދު ސުވާލު ކުރައްވާފަ އެވެ.

އެއަށް ޖާވަބު ދެއްވައި ޝިމާދު ވިދާޅުވީ، އެއްވެސް މީހަކާ ދޭތެރޭ ޒާތީ ކަމެއް ނެތް ކަމަށާއި ބަޔާނެއް ނެރެގެން އިތުރު އަޑުތަކެއް ފެތުރެން ބޭނުން ވެސް ނުވީ ކަމަށެވެ.

އޮޑިޓް ރިޕޯޓުން ކަންތައްތަކެއް ހާމަވުމުން އަޅާ ފިޔަވަޅެއްގެ ގޮތު ގޭހުގެ ޕްރޮކިއުމެންޓް މެނޭޖަރު އަހުމަދު ސުއޫދު މަގާމުން ވަކިކުރި އިރު ހަގީގީ ޒިންމާ ނަގަންޖެހޭ ފަރާތްތައް މަގާމުގައި ތިއްބެވީ ކީއްވެގެންތޯ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެން ގާސިމް ވެސް ސުވާލު ކުރެއްވި އެވެ. އަދި އެ ސުވާލަށް ސިމާދު ޖަވާބު ވެސް ދެއްވި އެވެ.

"އިކްރާމާއި ސުއޫދު، ދެ ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ހިމެނިން. އަޅުގަނޑުމެންނަށް ބެހެވޭނީ މޯލްޑިވް ގޭހުގެ ބޯޑާ ހިސާބަށް އެކަނި. އިކްރާމްގެ ވަޒީފާއާ ދޭތެރޭ ގޮތެއް ނިންމާނީ ގޭހުގެ ބޯޑުގެ ތެރެއިން" ޝިމާދު މިއަދު ޖަވާބު ދެއްވި އެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވި މައިގަނޑު ކަންކަން ވެސް ކޮމިޓީގައި މިއަދު ހިއްސާކުރި އެވެ. އެ ގޮތުން ޝަރީފް ވިދާޅުވީ، ސަޕްލަޔަރަށް ފޮނުވަން ހަދާފައިވާ ކޯޓޭޝަނުގައި "އޭޒް ސޫން އޭޒް ޕޮޒިބަލް" ޖަހާފައިވާ ކަމަށާއި އެއީ ކޮރަޕްޝަނަށް މަގުފަހިވާނެ ގޮތަށް ލިޔެފައިވާ އިބާރާތެއް ކަމަށެވެ. އަދި އެންމެ ކުޑަ އަގުގައި ކޯޓޭޝަން ފޮނުވި ސަޕްލަޔަރު، ސެންޓްރަލް ޓްރޭޑްގެ ނަން ފަހުން އުނި ކޮށްފައިވާ ކަމަށާއި އެ ކުންފުންޏަށް ފަހުން ރިކުއެސްޓެއް ނުކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން 4،128 އޮކްސިޖަން ސިލިންޑަރުގެ ތެރެއިން 3،128 ސިލިންޑަރު ސަޕްލައިކުރި ޕްރޯބިޒުން އަގު ކަނޑައެޅި ގޮތާމެދު ވެސް ސުވާލު އުފެދޭ ކަމަށް ޝަރީފު ވިދާޅުވި އެވެ. ސުވާލު އުފެދޭ ސަބަބެއް ކަމަށް އޭނާ ފާހަގަ ކުރެއްވެވީ ޕްރޯބިޒުން ކޯޓޭޝަން ފޮނުވުމުގެ އެއް ދުވަސް ކުރިން އޭއެންޖީ ކުންފުނިން ކޯޓޭޝަން ފޮނުވާފައިވާއިރު ޕްރޯބިޒުގެ އަގު އޭއެންޖީއަށް ވުރެ އެންމެ ޑޮލަރެއް ހެޔޮ ވެފައިވުމެވެ. އެއީ ކޮންމެވެސް ގޮތަކުން މައުލޫމާތު ލީކު ކޮށްފައިވާ ކަމުގެ ހެއްކަކަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެދި ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް މޯލްޑިވް ގޭހުން ރާއްޖެ ގެނައުމުގައި 16 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން އެކުލެވޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް އިކްރާމް ވަނީ އަމިއްލަ ސަބަބުތަކަކާއި ހުރެ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުވާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވި އިރު ކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމުން އޭނާ ހުންނެވީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ސިލިންޑަރު މައްސާލަގައި ކޮމިޓީއަށް ހާޒިރުކޮށް އިކްރާމާ ސުވާލު ކުރުމުން އޭނާގެ މައްޗަށް ކުރި ހުރިހާ ތުހުމަތެއް ދޮގު ކޮށް ބަރީއަވެ ވަޑައިގަތެވެ. އަދި އޭނާ ވަނީ ގޭހުގެ އެހެން ޑިޕާޓްމެންޓްތަކުގެ ވެރިންނާއި އެސްޓީއޯގެ އިންޓާނަލް އޮޑިޓް ކޮމިޓީއަށް ތުހުމަތުތަކެއް ކުރެއްވުމާއެކު ސިލިންޑަރަށް އޯޑަރުކުރި ޕްރޮސެސް އާއި ރިސީވިން ޕްރޮސެސް އަކީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.