ހަބަރު

ސިލިންޑަރު މައްސަލަ އެންގީ މުއްދަތުގެ ފަހުން

މޯލްޑިވް ގޭސްއަށް ގެނައީ ބާ ސިލިންޑަރުތަކެއް ކަން އެނގުމުންވެސް އެ ސިލިންޑަރުތައް ރާއްޖެ ގެނައި ކުންފުނީގެ ސަމާލުކަމަށް އެކަން ގެނައީ ކަނޑައަޅާފައި އޮތް މުއްދަތަށް ވުރެ އެތައް ދުވަހެއް ފަހުންކަން ހާމަވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން އެކަމަށް ހާއްސަކޮށްގެން މޯލްޑިވް ގޭސް އިން 4218 އޮކްސިޖަން ސިލިންޑަރު ގެނަ އެވެ. މީގެތެރެއިން 1000 ސިލިންޑަރު އެންމެ ފުރަތަމަ ގެނައީ ސިންގަޕޫރުގެ އޭއެންޖީ ކުންފުނިންނެވެ. އަދި ބާކީ 3218 ސިލިންޑަރު ގެނައީ ސިންގަޕޫރުގެ އެހެން ކުންފުންޏެއް ކަަމަށްވާ ޕްރޯބިޒް ކުންފުނި މެދުވެރިކޮށެވެ. އާ ސިލިންޑަރުތަކަކަށް އޯޑަރު ކުރި ނަމަވެސް ދެ ކުންފުނިންވެސް ފޮނުވީ ބާ ސިލިންޑަރުތަކެކެވެ.

މިމައްސަލައިގައި މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސް ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ޕްރޯބިޒުން ސިލިންޑަރުތައް ފޮނުވިއިރު އެ ސިލިންޑަރުތަކުގައި މައްސަލައެއް އުޅޭނަމަ އެކަން ފަސް ދުވަހުގެ ތެރޭގައި އަންގަން "ޓާމްސް އެންޑް ކޮންޑިޝަންސް"ގައި ބުނެފައިވާ ކަމަށެވެ.

އިލްޔާސް މިހެން ވިދާޅުވީ ސިލިންޑަރުތަކުގެ މައްސަލައިގައި މޯލްޑިވް ގޭސްގެ ބެލެނިވެރި ކުންފުނި އެސްޓީއޯއިން ތައްޔާރުކޮށްފައިވާ އިންޓާނަލް އިންވެސްޓިގޭޝަން ރިޕޯޓާއި އެހެނިހެން ލިޔުންތަކާ ހަވާލާދެއްވާފަ އެވެ.

ޕްރޯބިޒުން ގަތް ސިލިންޑަރުތައް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. އެ ކުންފުނިން ފޮނުވީ ބާ ސިލިންޑަރުތަކެއް ކަން އެނގުމުންވެސް ޕްރޯބިޒަށް އެކަން ނާންގާ އެތައް ދުވަހެއް ހޭދަވެގެން ދިޔަ ކަންވެސް އިލްޔާސް ވަނީ ފާހަގަކުރައްވާފަ އެވެ. ސިލިންޑަރުތައް ރާއްޖެ ގެނައި ފަހުން ޕްރޯބިޒްއަށް އީމެއިލް އަކުން އެންމެ ފުރަތަމަ މުއާމަލާތެއް ވެސް ކޮށްފައިވަނީ މިިދިޔަ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހު އެވެ. އޭރު ސިލިންޑަރުތައް ރާއްޖެ ގެނައި ފަހުން 20 ދުވަސް ވަނީ ފާއިތުވެގެން ގޮސްފަ އެވެ.

ސިލިންޑަރުތައް ގަތް ދުވަސްވަރު މޯލްޑިވް ގޭސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ އެވެ. ޕްރޯބިޒް ކުންފުނީގެ ހަރަދުގައި ސިންގަޕޫރަށް ދަތުރުކުރެއްވި ކަމަށް އެސްއޯއީ ކޮމިޓީގައި އިކްރާމް އެއްބަސްވެވަޑައިގެންފައިވާއިރު އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލަމުންދަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ރާއްޖެ ގެނައީ ބާ ސިލިންޑަރުތަކަކަށް ވުމުން ޕްރޯބިޒް ކުންފުނިން ބަދަލު ހޯދަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ސިލިންޑަރުތައް ފުރަތަމަ ގެނައި އޭއެންޖީ ކުންފުނިން ބަދަލު ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަންވެސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން ވަނީ ހާމަވެގެން ގޮސްފަ އެވެ.

ސިލިންޑަރުތައް ގެނައުމަށްފަހު އެތަކެތި ޓެސްޓްކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް މެދުވެރިކޮށެވެ. އެގޮތުން 4218 ސިލިންޑަރުގެ ތެރެއިން 300 ސިލިންޑަރު ޓެސްޓްކުރުމަށާއި އެތަކެތި ލަންކާއަށް ފޮނުވުމަށް ޖުމްލަ 15،038 ޑޮަލަރު މޯލްޑިވް ގޭސްއިން ހަރަދު ކޮށްފައިވެ އެވެ. ނަމަވެސް ޓެސްޓްތައް ހެދި ލަންކާ ކުންފުންޏަކީ މެޑިކަލް އޮކްސިޖަން އުފެއްދުމާއި ވިއްކުމުގެ ހުއްދަ އޮންނަ ކުންފުންޏެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެސްއޯއީ ކޮމިޓީއަށް ވަނީ އަންގާފަ އެވެ.

މޯލްޑިވް ގޭސް އިން އެންމެ ފުރަތަމަ ސިލިންޑަރު ގަތް އޭއެންޖީ ކުންފުނިން ސިލިންޑަރެއް ގަތީ 253 ޑޮލަރެށެވެ. އަދި ފަހުން ޕްރޯބިޒްއިން ސިލިންޑަރެއް ގަތީ 224 ޑޮލަރަށެވެ. ނަަމަވެސް ސިލިންޑަރުތައް ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ އެހެނިހެން ބައެއް ހަރަދުތައް އެއްކޮށްލުމުން ޕްރޯބިޒްގެ އަގާ އޭއެންޖީގެ އަގާ ދެމެދު ހުރީ އެއްމެ ޑޮލަރެއްގެ ފަރަގު ކަމަށްވެސް އެސްއޯއީ ކޮމިޓީގައި މެންބަރުން ވަނީ ފާހަގަކުރައްވާ އެވެ. ޕްރޯބިޒްއިން ކޯޓޭޝަން ފޮނުވާފައިވަނީ އޭއެންޖީއިން ކޯޓޭޝަން ފޮނުވިތާ އެއް ދުވަސް ފަހުން ނެވެ. އެހެންކަމުން ކޯޓޭޝަންގެ މައުލޫމާތު ލީކްކޮށްފައިވާ ކަމަށްވެސް އެސްއޯއީ ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.