މޯލްޑިވް ގޭސް

ބާ ސިލިންޑަރު ގެނައުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދެފި

މޯލްޑިވް ގޭސްއަށް ބާ ސިލިންޑަރުތަކެއް ގެނައި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ މައްސަލަ ބެލި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފި އެވެ.

ކޮވިޑާ ގުޅިގެން މޯލްޑިވް ގޭސް އިން 4218 އޮކްސިޖަން ސިލިންޑަރު ރާއްޖެ ގެނެސްފައިވެ އެވެ. މީގެތެރެއިން 1000 ސިލިންޑަރު އެންމެ ފުރަތަމަ ގެނައީ ސިންގަޕޫރުގެ އޭއެންޖީ ކުންފުނިންނެވެ. އަދި ބާކީ 3218 ސިލިންޑަރު ގެނައީ ސިންގަޕޫރުގެ އެހެން ކުންފުންޏެއް ކަަމަށްވާ ޕްރޯބިޒް ކުންފުނި މެދުވެރިކޮށެވެ.

އާ ސިލިންޑަރުތަކަކަށް އޯޑަރު ކުރި ނަމަވެސް ދެ ކުންފުނިންވެސް ފޮނުވީ ބާ ސިލިންޑަރުތަކެކެވެ. އޭގެ ތެރެއިން ޕްރޯބިޒްގެ ސިލިންޑަރުތަކުން ބަދަލުހޯދުމަށް މޯލްޑިވް ގޭސްއިން މަސައްކަތް ކުރި ނަމަވެސް އޭއެންޖީން ފޮނުވި ސިލިންޑަރުތަކުން ބަދަލު ހޯދަން މަސައްކަތް ނުކުރާ ކަމަށް އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން މިމައްސަލައިގައި މޯލްޑިވް ގޭސްއަށް ގެއްލުންވެފައިވާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅައިގެންވެސް ގެއްލުމުގެ ބަދަލު ހޯދަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ގޭސް ސިލިންޑަރުތައް ގަންނަން އޭއެންޖީ ކުންފުންޏަށް 253،000 ޔޫއެސް ޑޮލަރު އަދި ޕްރޯބިޒްއަށް 702،090 ޔޫއެސް ޑޮލަރު ހަރަދުކޮށް ޖުމްލަ 955،099 ޔޫއެސް ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި 300 ސިލިންޑަރު ޓެސްޓް ކުރުމަށާއި އެތަކެތި ލަންކާއަށް ފޮނުވުމަށް ޖުމްލަ 15،038 ޑޮަލަރު މޯލްޑިވް ގޭސްއިން ހަރަދު ކޮށްފައިވެ އެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އެއްވެސް ސިލިންޑަރެއް ހައިޑްރޯ ސްޓެޓިކް ސިލިންޑަރު ޓެސްޓްތައް ހަދައި އޭގެ ކޮލިޓީ ބަލައި ޔަގީންކުރުމަށް ފަހު ނޫނީ އެއްވެސް ސިލިންޑަރެއް ބޭނުން ނުކުރަން މޯލްޑިވް ގޭސްއަށް އަންގާފަ އެވެ. މޯލްޑިވް ގޭސްގެ ގުދަނުގައި 2428 ސިލިންޑަރު ޓެސްޓް ނުކޮށް ބަހައްޓާފައި އަދިވެސް އެބަހުއްޓެވެ. އެހެންކަމުން ޓެސްޓްތައް ހެދުމަށްފަހު ނޫނީ ސިލިންޑަރުތައް ބޭނުންނުކުރަން މޯލްޑިވް ގޭސްއަށް އެންގުމަށް މިއަދު ކޮމިޓީން ފާސްކުރި އެވެ.

ސިލިންޑަރުތައް ގަތް ދުވަސްވަރު މޯލްޑިވް ގޭސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އެވެ. ޕްރޯބިޒް ކުންފުނީގެ ހަރަދުގައި ސިންގަޕޫރަށް ދަތުރުކުރެއްވި ކަމަށް އެސްއޯއީ ކޮމިޓީގައި އިކްރާމް އެއްބަސްވެވަޑައިގެންފައިވާއިރު އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލަމުން ދަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އިކްރާމާއެކު އެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ މައްސަލަ ވީ އެންމެ އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި ފިޔަވަޅު އަޅަން ދެންނެވުމަށްވެސް މިއަދުގެ ކޮމިޓީގައި ވަނީ ފާސްކޮށްފަ އެވެ.

ސިލިންޑަރު ތަކުގެ މައްސަލަ މައްސަލައަށް އަހަރެއްހާ ދުވަސްވެފައިވާއިރުވެސް މޯލްޑިވް ގޭސްގެ ބޯޑުން ފިޔަވަޅެއް އަޅާފައި ނުވާތީ ދެން އެފަދަ މައްސަލަތަކުގައި ބޯޑުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ދެންނެވުމަށްވެސް މިދު ކޮމިޓީން ފާސްކުރި އެވެ.