މޯލްޑިވް ގޭސް

އިކްރާމް އިސްތިއުފާ ދީފި

މޯލްޑިވް ގޭހުން ބާ ސިލިންޑަރުތަކެއް ގެނައި މައްސަލާގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި އެ މައްސަލަ ބަލަމުން ދަނިކޮށް އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެދި ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް މޯލްޑިވް ގޭހުން ގެނައުމުގައި 16 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން އެކުލެވޭ ކަމަށް ކުރެވޭ ތުހުމަތުތު ކުރެވެއެވެ. އެ މައްސަލަ ބަލަމުންދާއިރު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީއަށް ހާޒިރުކޮށް އޭނާއާ ވަނީ ސުވާލުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އިކްރާމް ރޭ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ހޯމަ ދުވަހު އޮތް ކޮމެޓީގައި ތުހުމަތުތަކަށް ރައްދު ދެއްވާ އިކްރާމް ވިދާޅުވީ ސިލިންޑަރުތައް އޯޑަރުކުރުމަށް އެޕްރޫވް ދިން އަގަށް ވުރެ ބޮޑު އަގެއް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ކަމަށެވެ. އެ އޮޑިޓް ރިޕޯޓް ހެދި ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކުރަމުން އަންނަނީ އޭނާ ފްރޭމް ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ހިޔާނާތް ހިންގާފައި ނުވާނެ ކަމަށާއި އެ މައްސަލާގައި އިހުމާލުވެފައި ވަނީ ކަމާ ބެހޭ ޑިޕާޓްމެންޓްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޑިޕާޓްމެންޓްތަކުން އެޕްރޮސެސް ހިންގާފައިވާ ގޮތުގެ ތަފްސީލް ނޭންގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސިލިންޑަރުތަކަކަށް އޯޑަރު ދިނުމުން ބާ ސިލިންޑަރުތަކެއް ލިބުމުން އެތަކެތި ބަލައިގަތީ ކީއްވެތޯ އާއި އެކަމާ ގުޅިގެން ތަހުގީގު ނުކުރީ ކީއްވެތޯ އާއި ޑިސްކައުންޓް ހޯދަން މަސައްކަތް ނުކުރީ ކީއްވެތޯ ކޮމެޓީން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއީ އޭނާ ބަލާ ކަންކަން ނޫން ކަމަށެވެ.

"އެއްވެސް އެކްޝަނެއް ނުނަގަން. ޖީއާރްއެން [ގުޑްސް ރިސީވިން ނޯޓް] ލިބުނީ އޭގެ ތިން ދުވަސް ފަހުން. އޭރު އޮތީ އެމައްސަލައިގެ އޮޑިޓް ފެށިފަ. ދެން އޭގެތެރެއަށް ވަންނަން ބޭނުން ނުވީ" އޭނާ ވިދާޅުވި އެވެ.

މިފަދަ ބޮޑު މައްސަލައެއް ހިނގާ ދިޔައިރު ކުންފުންޏާއި ހަވާލުވެ ހުރި އިސް ފަރާތަކަށް އެކަމުގެ ތަފްސީލް ނޭންގުމަކީވެސް މައްސަލައެއް ކަމަށް ކޮމިޓީ މެންބަރުން ފާހަގަކުރި އެވެ. އަދި އާ އެއްޗިއްސަށް އޯޑަރުކޮށް އެއްޗިއްސަށް ވާވަރަށް ފައިސާ ދެއްކުމަށްފަހު ބާ އެއްޗެހި ލިބުމުން ބާކީ ފައިސާ ހޯދަން މަސައްކަތް ނުކުރުން މެންބަރުން ފާހަގަކުރިއެވެ.

މީގެއިތުރުން ސިލިންޑަރު ސަޕްލައިކުރި ސިންގަޕޫރުގެ ކުންފުނި ޕްރޯބިޒް އާއި އިކްރާމާއި ގުޅުމެއް އޮންނަކަމާއި އެކުންފުނީގެ ޓިކެޓެއްގައި ސިންގަޕޯރަށް ޗުއްޓީއަކަށް ދިޔަ މައްސަލައެއް ފެންމަތިވެފައި ވާތީ އެކަމާ ގުޅިގެންވެސް ވަނީ ސުވާލުކޮށްފަ އެވެ. އިކްރާމް ވިދާޅުވީ އެކުންފުންޏާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި ސިންގަޕޫރަށް އޭނާ ދިޔައީ ރައްޓިއްސަކު ދިން ދައުވަތަކަށް އޭނާ ދިން ޓިކެޓެއްގައި ކަމަށެވެ. އެކުންފުންޏާއި ގުޅުން އޮތީ އޭނާ އާއި އެދަތުރުގައި ދެން ބައިވެރިވި މީހާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.