ވެންޓިލޭޓަރު ހިޔާނާތް

"ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭނެ ހެކި އެބަހުރި"

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކަށް ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަންވެސް ކުރައްވާ އުޝާމް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ނިންމެވުމާ ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕީޖީއަށް ނުފޫޒު ފޯރުވިކަން ނޫނީ ނުފޫޒު ފޯރުވީ ކާކުކަން އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަކު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕީޖީ އަމަލު ކުރައްވާފައި ވަނީ މީގެ ކުރިން އަމަލު ކުރަމުން އައި ގޮތަށް ނޫން ކަމަށެވެ.

"މި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި އެބަހުރި،" ދައުލަތުގެ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތު ވެސް ކުރައްވާފައިވާ އުޝާމް ވިދާޅުވި އެވެ.

އޭސީސީގެ މެންބަރު އައިޝަތު އަބްދުﷲ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ނިންމެވީ މި މުއާމަލާތް ހިންގާފައި ވަނީ ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދައެއް ނަގައި، އޭޖީ އޮފީހުން ހޯދަން ޖެހޭ ލަފައެއް ހޯދާފައިވާ ކަމަށް ވިދާޅުވުމަށް ފަހު ކަމަށެވެ. އަދި މި މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކަށް ބައެއް ކަންކަން ގޯސްކޮށް ކުރެވިފައި ވަނީ އިދާރީ އޮޅުމަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޕީޖީ އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އިދާރީ އޮޅުމަކުން ދައުލަތަށް ގެއްލުންވާ ގޮތަށް ބޮޑެތި އަދަދުތަކުން ފައިސާތަކެއް އެހެން ބަޔަކަށް ފޮނުވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް އައިޝަތު އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމެވީ އޭސީސީގެ ތަހުގީގު ފުރިހަމަ ނުވާތީއާއި ކުށް ސާބިތުކުރުމަށް ބޭނުންވާ އުންސުރުތައް މިމައްސަލައިގައި ފުރިހަމަ ވެފައި ނުވާތީ ކަމަށް ޕީޖީ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ބަލަން އޭސީސީން ނިންމީ އޭޕްރީލް 13، 2020ގައި ކަމަށެވެ. ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގު ނިންމާ އެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެންމެ ފުރަތަމަ އެދުނީ އޮކްޓޫބަރު 14، 2020 ގައެވެ. އޭސީސީން މައްސަލަ ފޮނުވުމުން އެ މައްސަލައިގައި 6 ކަމެއް ފާހަގަކުރައްވާ، ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އެންގެވީ އޮކްޓޫބަރު 19، 2020 ގައެވެ. ޕީޖީ ފާހަގަކުރެއްވި ހަކަމަށް ރިއާޔަތްކޮށް އޭސީސީން އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްފަހު ދައުވާކޮށްދިނުމަށް ދެވަނަ ފަހަރަށް ޕީޖީގައި އެދުނީ 25 އޮކްޓޫބަރު 2020 ގައެވެ. ނަމަވެސް ދެވަނަ ފަހަރަށް ޕީޖީއަށް މައްސަލަ ފޮނުވުމުން ޖަވާބެއް ނުދެއްވާ ގިނަ ދުވަސްތަކަކު ހުންނެވުމަށްފަހު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް އެންގެވުމުން އެކަން ބަލައިގަންނަން ދަތި ކަމަށް އޭސީސީން ބުނެ އެވެ.

އެ ކޮމިޝަނުން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ޖުމްލަ 35 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. އޭސީސީގެ އާންމު ތަހުގީގުތަކަށް ވުރެ ގިނަ ވަގުތު ހޭދަކޮށްގެން މާރަނގަޅަށް ވެންޓިލޭޓަރުތަކުގެ މައްސަލަ ބަލައި ތަހުގީގުކުރި ކަމަށްވެސް އޭސީސީން ގަބޫލުކުރެ އެވެ. އެހެންކަމުން ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާކޮށް، މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހުރިކަމަށް ކޮމިޝަނުން ގަބޫލުކުރާތީ އެ މައްސަލައިގައި ދޫދިނުމެއް ނެތް ކަމަށްވެސް އޭސީސީން ވަނީ ބުނެފަ އެވެ.