ކޮވިޑް-19 އާ ގުޅިގެން މާލެ، ބަނދަރު ލޮކްޑައުންގައި އޮއްވާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތެރެއިން ހިންގި ތެލުގެ ވައްކަމުގެ މައްސަލައާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށެވެ.
އެކަން ހާމަވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ރޭ ޕީއެސްއެމަށް ދެއްވި އިންޓަވިއުއަކުންނެވެ.
ގަސަމް ވިދާޅުވީ ތެލުގެ ބޮޑު ވައްކަމުގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތެއް ކުރެވެވީ ބައުޒަރުގައި މަސައްކަތް ކުރާ ބަންގްލަދޭޝަން މީހަކަށް ކަމަށާ އޭނާ ރާއްޖޭން ފުރި އަނުދީ ބަހައްޓާފައިވާ ކަމަށާއި އެމީހާ ހުރީ ސަޕްސަޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލާގައި ތުހުމަތު ކުރެވޭ އެހެން މީހުންގެ ޑިޕާޓްމަންޓްތައް ބަދަލު ކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ތަހުގީގުކޮށްފައި އެ ފަރާތްތައް ވާނީ އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށްފައި. އެއީ ޝައްކުވި ފަރާތް ތަކެއް. މިހާތަނަށް ބެލި ބެލުމުން މިއީ ކިހިނެއް ކުރި ކަމެއްކަމެއް ޔަގީނެއް ނޫން. މީގައި ބޮޑަށް ތުހުމަތު ކުރެވޭ އެއް ފަރާތެއް އޮވޭ އެއީ ބޭރު ފަރާތެއް. ބަންގްލަދޭޝްގެ ސްޓާފެއް،" ގަސަމް ވިދާޅުވި އެވެ. "މި މައްސަލަ ފުލުހުން ދަނީ ބަލަމުން. މި މައްސަލާގެ ބާވަތުން ރައްޔިތުން މަޖިލީހުން ވެސް ވަނީ ތަހުގީގު ކުރަން އަންގާފައި. އޮޑިޓަ ޖެނެރަލް އޮފީހުން އޮޑިޓެއް ވެސް ހަދަމުންދޭ. މި ދެންނެވި ފަރާތްތަކުން ތަހުގީގު ނުނިމޭތީ އެ މައްސަލައެއްކޮށް ނިންމާނުލެވެނީ"
ގަސަމް ވިދާޅުވީ މިފަދަ މައްސަލަތައް ހިންގަމުންދާއިރު، ތެޔޮ ލިބޭ ފަރާތުން ޒިންމާދާރު ކަމާއެކު އެއާ ހަވާލުވުން ވަރަށް މުހިންމު ކަމަށެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވަނީ ތެލާ ހަވާލުވާ ފަރާތްކުން ވެސް ޒިންމާދާރު ކަމާއެކު ފޯރުކޮށްދޭ އަދަދަށް ތެޔޮ ލިބޭތޯ ބައްލަވާށޭ،" ގަސަމް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރި ބަނދަރު ލޮކްޑައުން ކޮށްފައި ވަނިކޮށް ޕޯޓް ތެރޭގައި ހިންގި ތެލުގެ މި ވައްކަމުގެ މައްސަލަ ފުރަތަމަ ފެންމަތި ކޮށްފައިވަނީ، އެ ކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. ކުރީގެ ޗެއާ، ޒަކީ ވަނީ މި މައްސަލައާ ގުޅިގެން އަށް މިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ޗެއާމަން ވަނީ މި ވައްކަމުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަޣުލަބިއްޔަތު ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ޗެއާމަންގެ ޓުވީޓުން މައްސަލަ ހިންގި ގޮތް އޮޅެ އެވެ.
ޝާހިދު ވިދާޅުވީ ޒަކީ ޓްވީޓް ކުރައްވާފައި ވަނީ، އިންވެސްޓިގޭޓިވް ކޮމެޓީއެއް ނަގަން ބޭއްވި ބޯޑު މީޓިންއެއްގެ ވާހަކަ ކަމަށެވެ. އަދި ޗެއާމަން ހުށަހެޅުއްވީ އެޖެންޑާ ވެސް ކޮށްފައި ނެތް ކަމެއް ކަމަށެވެ.