ހަބަރު

ތެލުގެ ވައްކަމުގެ ތުހުމަތަށް އެފްއެސްއެމް މުވައްޒަފަކު ސަސްޕެންޑްކޮށްފި

Dec 2, 2020
2

ކޮވިޑް-19 އާ ގުޅިގެން މާލެ، ބަނދަރު ލޮކްޑަރުންގައި އޮތްއިރު، ހިންގި ތެލުގެ ވައްކަމުގެ މައްސަލާގެ ތުހުމަތަށް އެފްއެސްއެމް ތެޔޮ ބައުޒަރެއްގެ ހެލްޕަރަކު ސަސްޕެންޑްކޮށްފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީގައި ވާހަކަ ދައްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޤަސަމް ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރުގައި ހިނގި ތެލުގެ ވައްކަމުގެ މައްސަލަ އެ ކުންފުނީގެ ސަމާލު ކަމަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. މައްސަލަ އެ ކުންފުނީގެ ސަމާލު ކަމަށް އައުމާއެކު ބަނދަރަށް ތެޔޮ ގެންދިއުމުގައި އުޅުނު އެ ކުންފުނީގެ ބައުޒަރެއްގެ ހެލްޕަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

"އެމްޕީއެލް އިންޓާނަލް އޮޑިޓް ކޮމެޓީން މައުލޫމާތު ހޯދައިގެން 26 ވަނަ ދުވަހު އެ މުވައްޒަފު [ބައުޒަރުގެ ހެލްޕަރު] ގެ ބަޔާން ނަގާފައި. މީގައި ފާހަގަ ކުރެވުނީ މި ހިޔާނާތަކީ ހަމައެކަނި އެއް ދުވަހަކު ދެ ދުވަހަކު ކޮށްފައި އޮތް ކަމެއް ނޫން ކަމަށް. އެހެންވެ އިންޓާނަލް އޮޑިޓުން އެ ދުވަސްތައް ބަލައިގެން ތަފްސީލްތައް މިދަނީ ނަގަމުން،" ޤަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތައް ހިންގި ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންދާ ކަމަށާ ކޮރަޕްޝަނަށް އެ ކުންފުނިން ދޭނީ "ޑަބަލް ޒީރޯ-- ޓޮލަރަންސް" ކަމަށެވެ.

"މިހާތަނަށް އަޅުގަނޑު ހަވާލުވިތާ ދެ އަހަރު ތެރޭގައި 25 މުވައްޒަފުން ވާނެ އެކިއެކި މައްސަލަތަކުގައި ކަނޑާލާފަ. އިންނަ ޕްރޮސީޖާ އިން. ކުރިއަށް އޮތްތަނުގައި ވެސް ކުންފުންޏަށް ހިޔާނަތް ވާނަމަ ފުރުސަތެއް ނެތް. ހިޔާތް ވާނަމަ މި ކުންފުނީގައި ޖާގައެއް ނެތް،" ޤަސަމް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރި ބަނދަރު ލޮކްޑައުން ކޮށްފައިވަނިކޮށް ޕޯޓްތެރޭގައި ހިންގި ތެލުގެ މި ވައްކަމުގެ މައްސަލަ ފުރަތަމަ ފެންމަތިކޮށްފައިވަނީ، އެ ކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. ކުރީގެ ޗެއާ ޒަކީ ވަނީ މި މައްސަލައާ ގުޅިގެން އަށް މިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ޗެއާމަން ވަނީ މި ވައްކަމުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަގުލަބިއްޔަތު ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ޗެއާމަންގެ ޓުވީޓުން މައްސަލަ ހިންގި ގޮތް ވަނީ އޮޅުން އަރާފަ އެވެ.

ޝާހިދު ވިދާޅުވީ އެ ކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ގެ ޓްވީޓް ކުރައްވާފައިވަނީ، ހާއްސަ އިންވެސްޓިގޭޓިވް ކޮމެޓީއެއް ނަގަން ބޭއްވި ބޯޑު މީޓިންއެއްގެ ވާހަކަ ކަމަށެވެ. އަދި ޗެއާމަން ހުށަހެޅުއްވީ އެޖެންޑާ ވެސް ކޮށްފައި ނެތް ކަމެއް ކަމަށެވެ.

"ބޯޑް މީޓިންގައި ދިމާވީ މުޅިން އެހެން އިޝޫއެއް. ހަގީގަތުގައި އަސްލުގައި އެޖެންޑާ ވެސް ކުރެވިފައި ނެތް މައްސައެއް. މި ކަމުގައި ޝަމިލުވާ މުވައްޒަފުން މި ހިމެނެނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ދަށުގައި އެހެންވީމާ މިއާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޯޑަށް ހާޒިރުކުރެވުނު ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއެއް. އެ ބޯޑު މީޓިންގައި ޗެއާމަން ހުށަހެޅުއްވީ ޕްރިކުމަންޓް ހެޑް ސަސްޕެންޑް ކުރަން،" ޝާހިދު ވިދާޅުވި އެވެ.