ހަބަރު

ވަގަށް ތެޔޮ ވިއްކުމުގައި އެފްއެސްއެމް މުވައްޒަފުން ބައިވެރިވޭ: އެމްޕީއެލް

ލޮކްޑައުންގެ ތެރޭގައި އެމްޕީއެލްގައި ހިންގި، ތެލުގެ ވަގު ވިޔަފާރީގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މައްސަލަ ފެންމަތިވުމާއެކު ކުރި އޮޑިޓު ތަކުން މި ވައްކަން ކުރަމުން ދިޔަކަން އެނގިފައިވާ ކަމަށެވެ. އޭގައި ބައިވެރިވި އެއް މުވައްޒަފަކު އެއްބަސް ވެސް ވެފައިވާ ކަމަށެވެ.

"މިކަން [ތެޔޮ ވަގަށް ވިއްކަނީ] އެފްއެސްއެމްގެ ބައެއް ފަރާތްތަކާ ގުޅިގެން ކަމަށް ވެސް ބަޔާން ދީފައި އެބައިން. އެހެންވެ މި ހުރިހާ ފައިންޑިންގްތަކާއެކު ރެކޮމެންޑޭޝަންތަކާއެކު ބޯޑަށް ހުށަހެޅުނީ. މި ރެކޮމެންޑޭޝަން ތަކަކީ ހޯދުނު ހޯދުންތަކުން އިތުރަށް އިންވެސްޓިގޭޓް ކުރަން ޖެހޭ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

"މިކަމުގައި ޑޮކިއުމެންޓްތަކެއް ފޯޖު ކޮށްފައިވާތީ، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވެސް ހުށަހަޅަން. މީގެ އިތުރުން އޭސީސީ އަށާއި އޮޑިޓަ ޖެނެރަލްގެ ސަމާލުކަމަށް ވެސް ގެންނަން. މީގެ އިތުރުން ކުންފުނީގެ ތެރޭގައި ވެސް އިތުރު އިންވެސްޓިގޭޝަނެއް ވެސް ގެންނަން."

އޭނާ ވިދާޅުވި ގޮތުގައި ވަގަށް ތެޔޮ ވިއްކާފައި ވަނީ، ލޮކްޑައުންނާ ގުޅިގެން، އެ ކުންފުނިން އާއްމުކޮށް މަސައްކަތް ކުރަމުން ދިޔަ އުސޫލަށް ބަދަލު ގެނެސް، މުވައްޒަފުންގެ އަދަދު މަދުކޮށް، މަސައްކަތް ހިންގާ އުސޫލަށް ވެސް ބަދަލު ތަކެއް ގެނެސްފައިވާ ވަގުތެއްގައި ކަމަށެވެ. މި ބަދަތަކުގެ ތެރޭގައި އާއްމު އުސޫލުން ސޮއި ކޮށްގެން ތަކެތި ހޯދުން ފަދަ ކަންކަން އިލެކްޓޯނިކް ޒަރީއްޔާ މެދުވެރިކޮށް ކުރުން ފަދަ ބަދަލުތައް ގެނެސްފައިވާ ވަގުތެއްގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި މި މައްސަލަ ފެންމަތިވީ އާއްމުކޮށް ތެޔޮ ބޭނުން ކުރާ ވަރަށް ވުރެ ގިނައިން ބޭނުން ކުރާ ކުރީގެ ތިން މަސް ދުވަހާ އަޅާ ކިޔައި ހެދި ރިޕޯޓުން ފާހަގަ ވުމުން ކަމަށެވެ. އެގޮތުން ތެލުގެ ބޮޑު އަދަދެއް ގަނެވިފައި ހުރިކަން މެނޭޖްމަންޓަށް ވެސް ފާހަގަ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑް-19 ތެރޭގައި މި އޮޕަރޭޝަން ލެވެލް ވެސް ތަންކޮޅެއް ދަށްވާނެ. މުދާ އަންނަ ނިސްބަތުން މުދާ އައުން ވެސް ވަރަށް ދަށް. އެހެންވީމާ އަސްލު ތެޔޮ މައްޗަށް ގޮސްގެން ނުވާނެކަން އެނގުނީ،" ޝާހިދު ވިދާޅުވި އެވެ.

ޗެއާމަންގެ ޓުވީޓުން އޮޅުން އަރާފައިވޭ

ޝާހިދު ވިދާޅުވީ އެކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ގެ ޓްވީޓް ކުރައްވާފައިވަނީ، ހާއްސަ އިންވެސްޓިގޭޓިވް ކޮމެޓީއެއް ނަގަން ބޭއްވި ބޯޑު މީޓިންއެއްގެ ވާހަކަ ކަމަށެވެ. އަދި ޗެއާމަން ހުށަހެޅުއްވީ އެޖެންޑާ ވެސް ކޮށްފައި ނެތް ކަމެއް ކަމަށެވެ.

"ބޯޑް މީޓިންގައި ދިމާވީ މުޅިން އެހެން އިޝޫއެއް. ހަގީގަތުގައި އަސްލުގައި އެޖެންޑާ ވެސް ކުރެވިފައި ނެތް މައްސައެއް. މިކަމުގައި ޝަމިލުވާ މުވައްޒަފުން މި ހިމެނެނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ދަށުގައި އެހެންވީމާ މިއާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޯޑަށް ހާޒިރުކުރެވުނު ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއެއް. އެ ބޯޑު މީޓިންގައި ޗެއާމަން ހުށަހެޅުއްވީ ޕްރިކުމަންޓް ހެޑް ސަސްޕެންޑް ކުރަން،" ޝާހިދު ވިދާޅުވި އެވެ.