އެމްއެސްއެސް

ރޯދައަށް 2،439 ޓަނުގެ މުދާ އައްޑޫއަށް

Mar 28, 2022

ރޯދަ މަހާ ދިމާކޮށް އައްޑޫ ސިޓީ އަށް 2،439 ޓަނުގެ މުދާ ގެންގޮސްފި އެވެ.

އައްޑޫ އަށް މުދާ ގެންދިޔައީ ސަރުކާރުގެ ޝިޕިން ކުންފުނި -- އެމްއެސްއެސްގެ އެމްވީ ބޮންތި 2 ބޯޓުންނެވެ.

ބޯޓުން ގެންދިޔަ މުދަލާ އެކު އިިއްޔެގެ ވަގުތެއްގައި އެ ބޯޓު ވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ހަދާފައިވާ އެމްޕީއެލްގެ ސަރަހައްދީ ބަނދަރަށް ކައިރިކޮށްފަ އެވެ.

އައްޑޫއަށް ގެންދިޔަ މުދަލުގެ ތެރޭގައި ގިނައީ ޕެރިޝަބަލް ގުޑްސް ނުވަތަ އަވަހަށް ހަލާކުވާ ކަހަލަ މުދަލެވެ.

ބޯޓުގައި ގިނައިން ހުރީ އެސްޓީއޯގެ މުދާ ކަމަށްވީ ނަމަވެސް ބައެއް އާންމުންނަށް ވެސް އައްޑޫ އަށް މުދާ ގެންދަން ފުރުސަތު ދީފައިވެ އެވެ.

މައިގަނޑު މުދަލުގެ ތެރޭގައި ހިމެނެނީ 8،893 ކޭސް ބިހާއި، 7،940 ބަސްތާ ފިޔާ، 2،525 ބަސްތާ އަލުވި އަދި 110 ބަސްތާ އަލަނާސި އެވެ.

މީގެ އިތުރުން ޕެރިޝަބަލް ގުޑްސްގެ އިތުރަށް 70.8 ޓަނު ޕްރޮޖެކްޓް ކާގޯ އާއި 1،000 ބަސްތާ ސިމެންތި ވެސް ގައުމީ ޝިޕިން ކުންފުނިން އައްޑޫ އަށް ގެންގޮސްފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ މިއަހަރުގެ ރޯދަ މަހާ ދިމާކޮށް އައްޑޫ އަށް މުދާ ގެންދިޔަ އަދަދަށް މީގެކުރީގެ އަހަރުތަކުގައި އައްޑޫ އަށް މުދާ ގެންގޮސްފައި ނުވާ ކަމަށެވެ.

"މިގޮތަށް މުދާ އުފުލުމަކީ އައްޑޫގެ އިގްތިސޯދަށް ވަރަށް ރަނގަޅު ފައިދާތަކެއް ލިބޭނެ ކަމެއް. މުދާ އަގުހެޔޮކޮށް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު ގޮތެެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަމާޒަކީ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ބޯޓުްނ މުދާ ބަލައި ހުސްކުރުން ކަމަށެވެ.