އެމްއެސްއެސް

އެމްއެސްއެސް އިން އައްޑޫއަށް މުދާ ގެންދިއުމަށް ހޯދި ބޯޓުގެ ހިދުމަތް ފަށައިފި

ދުނިޔޭގެ ވިޔަފާރި ބަނދަރުތަކާއި އައްޑޫ ސިޓީ ގުޅާލުމުގެ ބޭނުމުގައި މޯލްޑިވްސް ޝިޕިން ކޮމްޕެނީ (އެމްއެސްއެސް)އިން ޓްރާންސްޝިޕްމަންޓުގެ ހިދުމަތް ދިނުމަށް ގަނެފައިވާ ކޮންޓެއިނަރު އުފުލާ ބޯޓް -- އެމްއެސްއެސް އޯޕަލްގެ ދަތުރުތައް އައްޑޫއަށް ފަށައިފި އެވެ.

މުދާ ހިފައިގެން ދިޔަ މި ބޯޓު އިއްޔެގެ ވަގުތެއްގައި ބަނދަރު ކުރީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އައްޑޫ ސިޓީގެ ހިތަދޫގައި ހިންގާ ސަރަަހައްދީ ބަނދަރުގައެވެ.

އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. ބޯޓު ގަނެފައިވާ އަގު އެމްއެސްއެސް އިން ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ދިގު މިނުގައި 67 މީޓަރު ހުރި 3.2 މީޓަރުގެ ޑްރާފްޓްގެ ބޯޓެކެވެ. ސިމެންތި ވެސް އުފުލޭ މި ބޯޓަކީ 1553 ޓަނުގެ ޑެޑްވެއިޓު އުފުލޭ ބޯޓެކެވެ.

ކްރޭންވެސް ހަރުކޮށްފައިވާ މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން މުހައްމަދު ނާޒިމު ވިދާޅުވީ މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ ކަމަށެވެ.

"މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ ގަވައިދުން އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ހިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެ. މީގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެ،" ނާޒިމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ބޯޓަކީ ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް މުދާ ގެނެވޭނެ ބޯޓެއް ކަމަށެވެ.

ބޯޓުގެ ދަތުރުތައް ފަށާފައިވާތީ ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ، މާލެ އަށެވެ.

އެމްއެސްއެސް 2020 ވަނަ އަހަރު އުފެއްދި ފަހުން އެމްއެސްއެސް އޯޕަލް އެ ކުންފުންޏަށް ގެނައި ފަސްވަނަ ބޯޓެވެ.

އެމްއެސްއެސްގެ ފެށުން

މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އިން ޗާޓަރު ކުރި ފުރަތަމަ ބޯޓާ އެކު އެ ކުންފުނި ރަސްމީކޮށް އިފުތިތާހުކުރީ އޭޕްރީލް 5، 2020 ގައެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްސެސްއެެމް)ގެ އެއް ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

ގައުމީ ޝިޕިން ކުންފުންޏެއް އުފެއްދުމަކީ 2020ގެ ތަސައްވުރުގައި ވެސް ހިމަނާފައި އޮތް ކަމެކެވެ. ރާއްޖެއަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ވަރުގަދަ ޝިޕިން ކުންފުންޏެއް އޮތް ގައުމެވެ. މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ނަމުގައި އެންމެ ފަހުން ހިންގި އެ ކުންފުނި އުވާލީ 2010 ވަނަ އަހަރު ހިސާބު ގައެެވެ.