އެމްއެސްއެސް

މިފްކޯގެ އުފެއްދުންތައް އެމްއެސްއެސްގެ ބޯޓުތަކުގައި އެކްސްޕޯޓް ކުރަނީ

މިފްކޯއަށް ގަންނަ މަހާއި އެ ކުންފުނީގެ އުފެއްދުންތައް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓުތަކުގައި އެކްސްޕޯޓް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން ފިނިކުރި ކަނޑުމަހާއި ދަޅުމަހާއި ޓޫނާ ޕައުޗް އަދި ފިޝްމީލް އެމްއެސްއެސްގެ ބޯޓުތަކުން އެކްސްޕޯޓް ކޮށްދޭނެ އެވެ.

މިފްކޯ އިން ބުނީ މިއެއްބަސްވުމުގެ ދަށުން ދުނިޔޭގެ ކޮންމެ ތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މިއެއްބަސްވުމުގެ ސަބަބުން މީގެކުރިން މަސް އެކްސްޕޯޓް ކުރުމަށް ކުރާ ހަރަދު ކުޑަވެ އެ ކުންފުނީގެ ސްޓޯރޭޖަށް މިހާރު ބުރަ ބޮޑުވެފައި އޮތް މައްސަލައަށް ލުއި ލިބި އާ މާކެޓްތަކަށް މަސް ބޭރުކުރަން ފަސޭހަ ވާނެ ކަމަަށްވެސް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން އިތުރަށް ބުނީ މިއެއްބަސްވުމާ އެކު މަސް އެކްސްޕޯޓް ކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި މަސް ގަނެ މަހުގެ އުފެއްދުންތައް އިތުރުކުރަން އެ ކުންފުންޏަށް އިތުރަށް ފުރުސަތު ލިބޭނެ ކަމަށެވެ.