މިފްކޯގެ ތެރެއިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް މިފްކޯގެ އާ ސީއީއޯ ޑރ. ވިޓާލީ ލުބިމޮވް ވިދާޅުވެއްޖެ އެވެ.
މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅުއްވާ ފިޔަވަޅުތަކުގެ ދަށުން އޭނާ މިހާރު ވަނީ އެ ކުންފުންޏަށް އާ ޖެނެރަލް މެނޭޖަރެއްވެސް އައްޔަންކުރައްވާފަ އެވެ.
ޑރ. ވިޓާލީ މިމަހުގެ 10 ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނެރުއްވި ބަޔާނުގައި ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަމުގެ މައުލޫމާތު ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކަށް ހުށަހެޅުއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މިފްކޯ ހިންގާނީ ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ޒިންމާދާރު ގޮތެއްގައި ކަން ޑރ. ވިޓާލީ ވަނީ ޔަގީންކޮށްދެއްވާފަ އެވެ. އެހެންވެ އެއްވެސް ނުފޫޒެއް އޭނާގެ މައްޗަށް ނުހިނގާނެ ކަމަށާއި ނުފޫޒު ފޯރުވަން އުޅޭނަމަ އެފަރާތެއްގެ މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ސިޔާސީ ގޮތުންވެސް އެއްވެސް ނޫފުޒެއް ފޯރުވަން ކުންފުނީގެ މައްޗަށް މަސައްކަތްކޮށް ކުންފުނީގެ ހިންގުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާނަމަ އެކަން ހުއްޓުވާނަން،" ޑރ. ވިޓާލީ ވިދާޅުވި އެވެ.
ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ވިދާޅުވީ ކުންފުންޏަށް އާ ޖެނަރަލް މެނޭޖަރަކު އައްޔަންކޮށް މިވަގުތު ކުރަމުންދާ އެންމެ މުހިއްމު މަސައްކަތަކީ ކުންފުނީގެ މުވައްޒަފުންގެ ގާބިލްކަން ވަޒަންކުރުން ކަމަށެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ބިދޭސީއަކު ހަމަޖައްސާފައި މިވަނީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް ކުރި ފުރަތަމަ އިއުލާން ބާތިލްކުރުމަށްފަހު ދެވަނައަށް ކުރި އިއުލާނަށްފަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި މިފްކޯއަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ސީއީއޯއަކު ހޯދަނީ އެ ކުންފުންޏަކީ ކޮރަޕްޝަނާ ދުރު ކުންފުންޏަކަށް ހެދުމަށެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ބިދޭސީއަކު ހަމަޖެއްސިއިރު އެ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ 1.2 ބިލިއަން ރުފިޔާއަށް ވުރެ ދަރަނި ބޮޑެވެ.