މިފްކޯ އިން މަސްވެރިންނަށް މިމަހު ދޭންޖެހި ނުދެވި ހުރި ފައިސާގެ ތެރެއިން 17 މިލިއަން ރުފިޔާ ޖަމާކޮށްދީފި އެވެ.
މި ފައިސާ އަކީ މިދިޔަ އޮގަސްޓް 24 އިން މި މަހު 25ގެ ނިޔަލަށް މިފްކޯއަށް ކިރުވި މަހަށް ދޭންޖެހިފައި ހުރި ފައިސާ އެވެ.
މަސްވެރިންނަށް އިއްޔެ ޖަމާކޮށްދިން ފައިސާއާ އެކު މިސަރުކާރުގައި މަސްވެރިންނަށް ވަނީ ބިލިއަނެއްހާ ރުފިޔާ ޖަމާކޮށްދީފަ އެވެ.
މަސްވެރިންގެ އަތުން މަސް ގަނެފައި ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ.
މިފްކޯ އިން މިހާރު ވަނީ އެ ކުންފުންޏަށް މަސް ގަންނަ އަގަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން މިފްކޯއަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
މިފްކޯއަށް މިހާރު މަސް ގަންނަ އަގު
- 1.5 ކިލޯއިން މަތި: އައިސް އެޅި - 16ރ. | އައިސް ނާޅާ 14ރ.
- 1.5 ކިލޯއިން ދަށް: އައިސް އެޅި - 7ރ. | އައިސް ނާޅާ 5ރ.
މިފްކޯ އިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ގަންނަ އަގުގައި މަސް ގަތުމަށް ނިންމާފައި މިވަނީ އެ ކުންފުނީގެ ދަރަނި 1.2 ބިލިއަނަށް ވުރެ މައްޗަށް ގޮސް ކުންފުނި ބަނގުރޫޓް ވުމާ ހިސާބަށް ގޮސްފައި ވަނިކޮށެވެ.
މިފްކޯ އިން ބުނާ ގޮތުގައި އެ ކުންފުންޏަށް މަސްވެރިންނަށް ފައިސާ ދިނުން ލަސްވަމުން ދިޔައީ ނިމިގެން ދިޔަ ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ކަމަކަށް ބެލުމެއް ނެތި ބޮޑު އަގުގައި މަސް ގަންނަން ނިންމި ހިސާބުންނެވެ.