ރިޔާސީ އިންތިހާބާ ދިމާކޮށް މިފްކޯއަށް 25 ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައުމަށް މަޝްވަރާ ފަށައިފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ މިއަދު ވިދާޅުވި ގޮތުގައި މަހުގެ އަގު މިވަގުތު ބާޒާރުގައި ހުރި ގޮތަށް ބަލާއިރު އެ ކުންފުނިން މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ކުޑަކުރަންޖެހޭ ކަމަށެވެ. އެހެންނޫނީ ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހި ބޮޑު ގެއްލުމެއް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.
ފައުޒީ ވިދާޅުވީ މަސް ގަންނަ އަގު އަލުން މުރާޖައާ ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ ކަމާ ގުޅޭ އެހެން އިދާރާތަކާ ދެމެދު މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.
ފައުޒީ އިތުރަށް ވިދާޅުވީ މިފްކޯ މިހާރުވެސް އޮތީ ސަރުކާރުގެ އެހީތެރިކަމެއް ނުލިބި ކުރިއަށް ގެންދިއުމަށް ދަތިވާ ހާލަތެއްގައި ކަމަށެވެ.
މިފްކޯ އަށް މަސް ކިލޯއެއް 17 ރުފިޔާއަށް ގަންނަމުން ދަނިކޮށް މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި އެ އަގު 25 ރުފިޔާއަށް ސަރުކާރުން ބޮޑު ކުރީ
ރާއްޖެއިން ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 ޕަސެންޓްގެ ޓެކްސް ކަނޑާލުމާ ގުޅޭ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށްދާ ކަމަށް ބުނުމަށްފަހު އެވެ.