މިފްކޯ

މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާ އަށް ބޮޑުކޮށްފި އެވެ.

މިފްކޯ އިން ބުނީ އެ ކުންފުނިން މާދަމާ އިން ފެށިގެން މަސް ކިލޯއެއް ގަންނާނީ 25 ރުފިޔާއަށް ކަމަށެވެ.

މިފްކޯ އިން ބުނީ މަސް ގަންނަ އަގު ބޮޑުކުރީ މަސްވެރިކަން ރަނގަޅު ނަމަވެސް މަހަށް ނިކުންނަ ދޯނި މަދުވުމުން މަހަށް ނިކުންނަ ދޯނި އިތުރުކުރަން ހިތްވަރު ދިނުމަށް ކަމަށެވެ.

މިފްކޯ އިން މަސް ކިލޯއެއް މިހާރު ގަންނަނީ 17 ރުފިޔާ އަށެވެ.

މަސް ގަންނަ އަގު ބޮޑުކޮށްފައި މިވަނީ ޔޫރަޕަށް އެތެރެކުރާ މަހަށާއި އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް މިހާރު ނަގަމުންދާ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް ފެހި ސިގްނަލެއް ލިބުމުން ކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖެއިން ޔޫރަޕަށް އެތެރެކުރާ މަހުން 22 ޕަސަންޓްގެ ޑިއުޓީއެއް ނަގަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ މަސް ގަންނަ އަގު ބޮޑުކުރުމަށް ވައުދުވެފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ މެނިފެސްޓޯގައިވެސް ޔޫރަޕާއި އިނގިރޭސިވިލާތަށް ރާއްޖެއިން އެތެރެކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެ ކަމަށް ބުނެފައިވެ އެވެ.