މިފްކޯ

މިފްކޯއަށް އަލުން ސިއީއޯއެއް ހޯދަނީ

މިފްކޯއަށް ސީއީއޯއެއް ހޯދަން އަލުން އިއުލާންކޮށްފި އެެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު(ފީސީބީ)އިން މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

ސީއީއޯގެ މަގާމަށް މީހަކު ހޮވާނީ ތަޖުރިބާއާއި ގާބިލްކަމަށް ބަލާފައި ކަމަށް އިއުލާންގައިވެ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މީގެކުރިން މިދިޔަ ޖޫން 26 ވަނަ ދުވަހުވެސް ހުޅުވާލި އެވެ. ނަމަވެސް އޭރު ކުރި އިއުލާން ބާތިލްކުރީ އެ މަގާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާ ކަމަށް ބުނެ އެވެ.

ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ހޮވާ ސީއީއޯގެ މުސާރައި ގޮތުގައި 12،000 ޑޮލަރާއި 15،000 ޑޮލަރާއި ދެމެދުގެ އަދަދެއް ކަނޑައަޅާފައިވެ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހްމަދު ސަމާހް ރަޝީދު އެވެ. އޭނާ އެ މަގާމުން މިދިޔަ މެއި 21 ވަނަ ދުވަހު ވަކިކުރެއްވުމަށްފަހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަންކުރައްވާފަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ 1.2 ބިލިއަން ރުފިޔާއަށް ވުރެ ދަރަނި ބޮޑުވެފައި ވަނިކޮށެވެ.