މިފްކޯ

ރޯމަހުގެ އަގު ދަށްވާނަމަ މަސް ގަންނަ އަގު ދަށްކުރަންޖެހިދާނެ: މިފްކޯ

ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ލިބޭ އަގުގައި މިފްކޯއަށް ކަނޑުމަސް ގަންނަ ގޮތަށް ހަމަޖެއްސި ފަހުން އެ ކުންފުންޏަށް މަސް ގަންނަ އަގަށް ބަދަލު ގެނެސްފައި ނުވަނީ ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައި ނުވާތީ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ލިބޭ އަގުގައި މިފްކޯއަށް ކަނޑުމަސް ގަންނަން ފެށީ މިދިޔަ ޖުލައި އެއްވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދެމަސް ވެގެން ދިޔައިރު މަސް ގަންނަ އަގަށް އެއްވެސް ބަދަލެއް މިފްކޯ އިން ގެނެސްފައެއް ނުވެ އެވެ.

މިފްކޯއިން މިއަދު ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވެފައި އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީ ނަމަވެސް އެ ކުންފުނިން މަސައްކަތްކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމަށެވެ.

މިފްކޯ އަށް މިހާރު ކަނޑުމަސް ކިލޯއެއް ގަންނަނީ 16 ރުފިޔާ އަށެވެ.

މިފްކޯއިން ބުނީ 16 ރުފިޔާއަށް މަސް ކިލޯއެއް ގަންނަމުން ދިޔަ ނަމަވެސް މިއަގުގައި މިވަގުތު މަސް ގަތުމަކީވެސް ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އެގޮތުން ކުންފުނިން މިވަގުތު މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅު ވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީންގެ އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް ކަމަށްވެސް ބުންޏެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަމުންދާ ކަމަށާއި ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން ބުނީ މިއަހަރުގެ މިހާތަނަށް އެ ކުންފުންޏަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 42 ޕަސަންޓް ދަށްވެފައިވާ ކަމަށެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުންޏެވެ. މީގެ ކުރިންވެސް އެވްރެޖުކޮށް 16 ރުފިޔާގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރުވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދެއް ސަބްސިޑީގެ ގޮތުގައި އެ ކުންފުންޏަށް ދެމުން ގޮސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"އަދި މިހާރުވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވެ އެވެ. އެހެންކަމުން ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިކަމާއި، މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފަ އެވެ." ބަޔާނުގައިވެ އެވެ.

މިފްކޯ އިން ބުނީ މަސްވެރީންގެ ހައްގުގައި މިހާލަތުގައި 16 ރުފިޔާގެ ރޭޓުން މިފްކޯއަށް ގެއްލުމުގައި މަސްކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީއާއި ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމުގައިވެސް ބުންޏެވެ. އެހެންކަމުން މިފްކޯއަށާއި، ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުން ކަމަށްވެސް ބުންޏެވެ.

މިފްކޯ އިން ބުނީ އަމިއްލަ ބައެއް ފެކްޓަރީތަކުން އެ ކުންފުނިތަކުގެ ޕްރޮސެސެސިންއަށް ބޭނުންވާ މިންވަރުގެ އަދަދަކުން މިފްކޯއަށްވުރެ ބޮޑު ރޭޓެއްގައި މިދަނޑިވަޅުގައި މަސްވެރީން އަތުން މަސް ގަންނަމުންދިޔަ ނަމަވެސް މިފްކޯއަކީ ގަންނަ މަހުގެ 80 ޕަސަންޓް ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރޯ މަހުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ ކަމަށާއި ހާލަތު އެގޮތަށް އޮތް އިރު ފެލިވަރު ކޭނަރީއަށް އެކަނި ބޭނުންވާ ވަރަށް ބޮޑު އަގުގައި މަސްގަނެގެން ފަރުޖައްސާލެވޭނެ ގޮތެއް މިވަގުތު ނެތް ކަަމަށްވެސް ބުންޏެވެ.

"މިއަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައިވެސް މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކަށްވާއިރު އަހަރު ނިމެން ތިން މަހަށް ވެފައި އޮތް އިރު މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަހެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު މިދިޔަ އަހަރަކީ ރިކޯޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

މިފްކޯ އިން އިތުރަށް ބުނީ މިއަހަރުގެ މިހާލަތުގެ ސަބަބުން މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކުންފުނިން އަންނަނީ މިވަގުތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރަމުން ކަމަށެވެ. އެގޮތުން ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި ހަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނޭ ކަން ފާހަގަކޮށްފައިވެ އެވެ.

"މީގެ އިތުރުން މިފްކޯ އެފިޝެންސީ އެކްސަސައިޒްގެ ތެރެެއިން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަޅަންޖެހޭ ފިޔަވަޅުތައްވެސް ކުންފުނިން އަޅަމުން އަންނަނީ މަސްވެރި އާއިލާއަށް ފަހިގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައެވެ." މިފްކޯގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.