އައްޑު އަތޮޅު ހިތަދޫ ޕޯޓަށް ގެންދާ މުދަލުގެ އަދަދު އިތުރުވެ، ވިޔަފާރި ބޮޑު ތަނުން ރަނގަޅުވެފައިވާ ކަމަށް ބުނެފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގާ ހިތަދޫ ރީޖަނަލް ޕޯޓް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، އިބްރާހިމް ރަޝީދު އަވަސް އަށް ވިދާޅުވި ގޮތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އެ ބަނދަރަށް މުދާ ގެންދަން ފެށި ފަހުން ވިޔަފާރިތަކަށާއި އެ ޕޯޓުގެ ވިޔަފާރިއަށް ވެސް ބޮޑުތަނުން ފައިދާ ކުރަން ފަށައިފި އެވެ.
"ކޮންމެ މަހަކު ދެ ދަތުރު އެބަ އާދޭ މި ބަނދަރަށް މުދާ. މި ދަތުރުތަކުގެ ސަބަބުން ބަނދަރުގެ ވިޔަފާރި ވަރަށް ރަނގަޅުވަމުން އެބަދޭ." އޭނާ ވިދާޅުވި އެވެ. "މީގެ ދެ އަހަރު ކުރީގަ މިތަނުގައި ހުރި ހެވީ ވެހިކަލްތައް ހުރީ ހަލާކުވާން ކައިރިވެފައި. ބޭނުން ކުރެވޭނެ ގޮތެއް ނެތް. އެކަމަކު މިހާރު ކުރިއަށްދާ އޮޕަރޭޝަންގެ ސަަބަބުން ވިޔަފާރި ރަނގަޅުވެއްޖެ،"
"ކުރިން އަޅުގަނޑުމެން [ހިތަދޫ ޕޯޓު] ހިންގަމުން މިދިޔައީ އެމްޕީއެލްއިން ލޯނު ނަގައިގެން. އެވަރުން މިތަނުގައި ތިބި 80 މުވައްޒަފުންނަށް ކިރިޔާ މުސާރަ ދެވެނީ. އެކަމަކު މިހާރު އަމިއްލަ ބާރުގައި ޕޯޓު ހިނގަން ފަށައިފި."
މެނޭޖަރު ރަޝީދު ވިދާޅުވީ ޓުޓިކޮރިން އިން ހިތަދޫ ޕޯޓަށް، ކުރާ މި ދަތުރުތަކުގެ ސަބަބުން އައްޑޫގެ ވިޔަފާރިވެރިންނަށް ވެސް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އގޮތުން ގެންދާ މުދަލުގެ ތެރޭގައި އައްޑޫގައި ކުރިއަަށްދާ ކޮންޓްރަކްޝަން މަސައްކަތަށް ބޭނުންވާ މުދާވެސް ހިމެނެ އެވެ.
"އެބަ ގެނޭ ފިޔާ އަލުވި ބިހުގެ އިތުރުން ތަރުކާރީ ވެސް. އަނެއްކާ ރީފާ ކޮންޓެއިނާއެއްގައި ފިނި ކުރި މަހުގެ ބާވަތްތައް ވެސް ގެނޭ. މީގެ ސަބަބުން މުދާ ތާޒާކޮށް ފިހާރަތަކުން ލިބުމުގެ އިތުރުން އަގު ވެސް ހެޔޮވޭ. މާލޭގައި ބިސް ކޭހެއް 450ރ. އަށް ލިބޭއިރު މިކޮޅުން ލިބޭ އެބަ 325ރ. އަށް. މިއީ ބޮޑު ހެޔޮވުމެއް،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިތަދޫ ޕޯޓު ތަރައްގީ ކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ނިމުމުން ވިޔަފާރި އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މި ބަނދަރަކީ އަހަރު ގާތްގަނޑަކަށް 15 މިލިއަން ރުފިޔާގެ ގެއްލުމެއްވާ ބަނދަރެވެ. ނަމަވެސް މި ދަތުރުތަކުގެ ސަބަބުން މި ގެއްލުން ބޮޑުތަނުން ކުޑަ ވެގެންދާނެ ކަމަށް އެމްޕީއެލް އިން ވެސް އުންމީދު ކޮށްފައި ވެއެވެ.