އޮޑިޓާ ޖެނެރަލް އޮފީސް

ހިތަދޫ ޕޯޓަށް 85 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް

އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓެޑަށް 2020 ވަނަ އަހަރުގެ ނިޔަލަށް 85 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއްވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ހިތަދޫ ޕޯޓް ލިމިޓެޑް 2020 ވަނަ އަހަރުގެ މާލީ އޮޑިޓް ދައްކާ ގޮތުން 2009 ވަނަ އަހަރު ކުންފުނި އުފެދުނު ފަހުން 2020 އަށް ކޮންމެ އަހަރަކުވެސް ކުންފުންޏަށް ވަނީ ގެއްލުމެވެ.

ކުންފުނީގެ ހާލަތު ދެނެގަނެ މާލީ މިސްރާބު އަންދާޒާކުރަން އުނދަގޫވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހަދަންޖެހޭ އެސެސްމެންޓް ނަހަދާ އޮތުމެވެ.

މާލީ ކަންކަން ރަނގަޅަށް ނުބަލަހައްޓާތީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޓެކްސްގެ ގޮތުގައި ދޭންޖެހޭ އަދަދުވެސް ކަށަވަރު ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ހިތަދޫ ޕޯޓް ލިމިޓެޑް ހިންގަމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުންނެވެ.

ހިތަދޫ ޕޯޓް ތަރައްގީކުރީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ލޯނު އެހީގަ އެވެ. ހިތަދޫ ރީޖަނަލް ޕޯޓް، ދެކުނުގެ މައި ހަބްގެ ގޮތުގައި ހިދުމަތް ދޭން ފެށީ 2009 ވަނަ އަހަރު ޖުލައި މަހު އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގައި އޮޕަރޭޓް ކުރާ ތިން ބަނދަރުގެ ތެރޭގައި ހިމެނޭ އެއް ބަނދަރެވެ.