މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހިތަދޫ ރީޖަނަލް ޕޯޓު ގުޅިގެން އަވަހަށް ހަލަަކުވާ ކާގޯ (ޕެރިޝަބުލް ކާގޯ) ދާއިމީކޮށް އައްޑޫގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ވަޖީހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހިދުމަތް އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ. އަދި ހިދުމަތް ލިބޭނީ ރާއްޖޭއަށް އެންމެ ގިނައިން ޕެރިޝަބުލް ކާގޯ ގެންނަ އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކަމުގައި ވިދާޅުވި އެވެ.
ވަޖީހް ވިދާޅުވީ މީގެ ކުރިން ލަކުނޑި ބޯޓު ފަހަރުގައި މި ހިދުމަތް އައްޑޫއަށް ދިން ނަމަވެސް އޭރު އެގޮތަށް ދެވެނީ ވަކި ދުވަސް ވަރެއްގައި ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫއަށް މި ހިދުމަތް ދޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ އަހަރުގެ ހުރިހާ ދުވަހެއްގައިވެސް މެދުނުކެނޑި ހިދުމަތް ދޭނެ ކަމަށެވެ.
ވަޖީހް ވިދާޅުވީ އާންމު ގޮތެއްގައި އައްޑޫއަށް ގެންދާ ބިސް، ފިޔާ، ތަރުކާރީއާއި މެވާގެ އިތުރުން އައްޑޫ ސިޓީގެ ރައްޔިތުން އިންޑިއާއިން ގެންދަން ބޭނުންވާ ކާބޯތަކެތީގެ ބާވަތްތަކާއި ޖެނެރަލް ކާގޯ ވެސް މި ބޯޓު ފަހަރުގައި އައްޑޫއަށް ގެންދާނެ ކަމަށެވެ.
މި އިންތިޒާމުގެ ތެރެއިން ކުރާ ދަތުރުތައް ރާވަމުންދަނީ ކޮންމެ 10 ދުވަހަކާއި 15 ދުވަހުގެ ތެރޭގައި ކާގޯ ބޯޓެއް އައްޑޫއަށް ދާގޮތަށް ކަމަށްވެސް ވަޖީހު ވިދާޅުވެފައިވެ އެވެ.